އީރާންގެ ޕްރޮކްސީ ކަމުގައިވާ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲ އިން އާ ސެކްރެޓަރީ ޖެނެރަލްއެއް ހަމަޖައްސައިފި އެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި މި މަޤާމަށް އައްޔަންކޮށްފައިވަނީ ޝެއިޚް ނައީމް ޤާސިމް އެވެ.
އަންގާރަ ދުވަހު ޤާސިމް މި މަޤާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ލީޑަރު ހަސަން ނަސްރުﷲ ގެ ބަދަލުގަ އެވެ. މީގެ ކުރިން ޤާސިމް ހުރީ ހިޒްބުﷲ ގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުގަ އެވެ.
ނިމިދިޔަ މަހުގެ ފަހުކޮޅު ގައްޒާގައި ހުއްޓުމެއްނެތި ހަނގުރާމަ ކުރަމުންދާ އިޒްރޭލުން ވަނީ ހަސަން ނަސްރުﷲ މަރާލާފަ އެވެ. ނަސްރުﷲ ގެ އިތުރުން ހިޒްބުﷲ ގެ ވަރަށް ގިނަ އިސް ކޮމާންޑަރުން ވަނީ އިޒްރޭލުގެ އަތްދަށުން މަރުވެފަ އެވެ.
އުމުރުން 71 އަހަރުގެ ޤާސިމަކީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު ހިޒްބުﷲ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ދީނީ އިލްމުވެރިންގެ ތެރެއިން އެކެކެވެ. އޭނާ މި މަގާމަށް އައްޔަންކުރުމާއެކު، ހިޒްބުﷲ ގެ ލީޑަރޝިޕަށް އައު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.
މި ބަދަލާ ގުޅިގެން ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު އޮތް ގުޅުމަށް އަންނާނެ ބަދަލުތަކާމެދު ސަރަހައްދުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ފައެވެ. އެހެންނަމަވެސް، ޤާސިމްގެ ލީޑަރޝިޕްގެ ދަށުން ހިޒްބުﷲ އިން ގެންގުޅޭނެ ސިޔާސަތުތަކާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
