އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެޔަށް ހިޒްބުﷲ އިން ޑްރޯން ހަމަލާއެއް ދިން ކަމުގެ ޒިންމާ ނަގައިފި އެވެ.
އަލްޖަޒީރާއިން ބުނީ ހޮނިހިރު ދުވަހު ނަތަންޔާހޫގެ ގެއަށް އަމާޒުވި ޑްރޯން ހަމަލާގެ ޒިންމާ ހިޒްބުﷲ އިން ވަނީ ނަގާފަ އެވެ.
” ސިއޭސަރާގައި ހުންނަ އިސްލާމިކް ރެޒިސްޓެންސް އިން ނަތަންޔާހޫގެ ގެއަށް ދިން (ޑްރޯން) ހަމަލާގެ ޒިންމާ ނަގަން” ހިޒްބުﷲ ގެ މީޑިއާ އޮފީސްގެ އިސްވެރިޔާ، މުހައްމަދު އަފީފް ބުނެފައި ވެއެވެ.
އިޒްރޭލާއި ހިޒްބުﷲ އިން ކުރަމުންދާ ހަނގުރާމައިގައި ދެން އެއްވެސް ސުލްހައިގެ މަޝްވަރާއެއް ކުރިއަށް ނުގެންދާނެ ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.
އިޒްރޭލު ބޮޑުވަޒީރުގެ އޮފީހާއި ހަވާލާދީ ޓައިމްސް އޮފް އިސްރާއީލް އިން ބުނީ ޓެލްއަވީވްގެ އުތުރުގައި އޮންނަ ސީސަރިއާގައި ހުންނަ ނަތަންޔާހޫގެ ގެއަށް ލުބްނާނުން ޑްރޯން ހަމަލާއެއް އަމާޒުވި ކަމަށެވެ. މި ހަަމަލާގައި ނަތަންޔާހޫ އަދި އޭނާގެ އަންހެނުން އެގަޑީގައި ގޭގައި ނެތް ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ ނޫހުން ރިޕޯޓްކުރި އެވެ.
ލުބްނާނުން ހިޒްބުﷲ ކަމަށް ބެލެވޭ ބަޔަކު ފޮނުވި ދެ ޑްރޯންވެސް ވައްޓާލާފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލް އިން ރިޕޯޓްކުރި އެވެ. ނަމަވެސް އެއް ޑްރޯން ވަނީ ނަތަންޔާހޫގެ ގޭތެރެއަށް ގޮވާފަ އެވެ.
އެއާއެކު، އިޒްރޭލު އަސްކަރިއްޔާއިން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ޑްރޯން ގޮވުމުގެ ކުރިން ސީސަރިއާގައި އިންޒާރުދޭ ސައިރެންސް އެލާމްވެފައި ނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
ނަމަވެސް އައިޑީއެފްގެ ބޮޑު ޖާސޫސީ މަރުކަޒަކާއި މޮސާޑްގެ މައި މަރުކަޒު ހުންނަ ޓެލް އަވީވްގެ އުތުރުގައި އޮންނަ ގްލިލޮޓްގައި ސައިރެންގެ އަޑުއިވިފައިވެ އެވެ. އެ ސައިރެންތަކާއެކު ހޯމް ފްރަންޓް ކޮމާންޑްގެ އެޕްގައި ނުވަތަ އެހެން ޕްލެޓްފޯމްތަކުގައި އިންޒާރުތަކެއް ދީފައެއް ނުވެ އެވެ. އަދި ޑްރޯންތަކާއި އިންޓަސެޕްޝަންތަކުގެ ސަބަބުން އިސްރާއިލުގެ އައްސޭރިފަށުން އިންޒާރުދޭ ސައިރެންތައްވެސް ވަނީ ޑްރޯން ފޯރުމުގެ ކުރިން މިނިޓްތަކެއްގެ ތެރޭގައި ރިންގްވާން ފަށާފަ އެވެ.
މި ހަމަލާގެ ކުރިން ނަތަންޔާހޫ ވަނީ ވީޑިއޯ މެސެޖެއްގެ ޒަރީޔާއިން މިއަދު ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރް، އިސްރާއިލު ސިފައިންގެ އަތްދަށުން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.