ފެނަކަ ކޯޕަރޭޝަނާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ތެލުގެ ހަރަދުކުޑަ ކުރުމަށް ރިނީވަބަލް އެނާޖީގެ ގޮތްތަކެއް ހޯދުމުގެ ވިސްނުން އެބަހުރި ކަމަށް އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު ވިދާޅުވެއްޖެ އެވެ.
ޝިމާދު މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި ކަމަށެވެ. އަދި ފެނަކައަކީ ކަރަންޓް އުފައްދާ ކުންފުންޏަކަށްވެފައި އެކުންފުނިން މިހާރު ކަރަންޓް އުފެއްދުމަށް މިހާރު ބޭނުންކުރަނީ އެސްޓީއޯއިން އެތެރެކުރާ ޑީޒަލް ކަމަށެވެ. ވުމާއެކު، މުސްތަގުބަލުގައި ފޮސިލް ފިއުލް، ޑީޒަލްގެ ބަދަލުގައި ވަކި ޕްލޭނެއްގެ ދަށުން ވިންޑް ނުވަތަ އޯޝަން-ބޭސްޑް އިޔާދަކުރަނިވި ހަކަތަ އަދި އެހެން ހައްލެއްވެސް ބޭނުންކޮށްގެން ކަރަންޓަށްވާ ހޭދަކުޑަކުރުމަަށް އަމާޒު ހިއްޕަވާ ކަމަށް ޝިމާދް ވިދާޅުވި އެވެ.
އެސްޓީއޯއަކީ މިހާރުވެސް ސަބްސިޑިއަރީތައް ހިންގާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ފިއުސް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް، އެލައިޑް އިންޝައުއަރެންސް، މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ހިމެނެ އެވެ. އެ ތަންތަން ހިންގުމުގެ ތަޖުރިބާ ބޭނުންކޮށްގެން ފެނަކައަށް ވެލިއު އެޑްކުރެވޭތޯ އެސްޓީއޯ އިން މަސައްކަތްކުރާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިންގުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގަ އެވެ. އެސްޓީއޯއިން ބުނީ ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް އެސްޓީއޯއިން ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އެސްޓީއޯގެ ދަށަށް ފެނަކަ ގެނައުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ނެވެ. އެސްޓީއޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފެނަކައިން ކުރާ ވިޔަފާރީގެ އެންމެ ބޮޑު ހޭދައަކީ ތެލަށް ކުރާ ހޭދަކަމަށްވެފައި އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމުން ދެ ކުންފުންޏަށްވެސް އޭގެ ފައިދާ ވާނެ ކަމަށެވެ.
އެލައިޑް އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ފެނަކަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)