ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ސިޔާސީ ޕާޓީތަކުން ތާއީދުކުރާކަން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ، މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސިޔާސީ ޕާޓީތަކުން ވަނީ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ތަފާތު ހިޔާލުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ކޮމިޓީގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން އެޕާޓީގެ ނައިބް ރައީސް އައިޝަތު އަލައިކާ ވިދާޅުވީ، މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓެންޖެހޭ ކަމަށާއި އަދަދު އިތުރުވަމުން ދިއުމަކީ ދައުލަތަށް އޮތް ބުރައެއް ކަމަށެވެ.
ޑިމޮކްރެޓްސްއިން ކޮމިޓީއަށް ހުށަހެޅީ ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް މަޖިލީހުގައި ތަމްސީލު ކުރެވޭ ގޮތް ހެދުމަށެވެ. އަދި ކޮންމެ އަތޮޅަކަށް ވަކި އަދަދަކަށް މެންބަރުން އިންތިހާބު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.
މި ބައްދަލުވުމުގައި އަދާލަތު ޕާޓީން ހުށަހަޅާފައިވަނީ ކޮންމެ 10 އަހަރަކުން އެއް ފަހަރު މެންބަރުންގެ އަދަދު ކަނޑައަޅާގޮތަށް ހެދުމަށެވެ. އަދި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަޖިލީހުން ހާއްސަ ކޯޓާއެއް ހަމަޖެއްސުމަށްވެސް ހުށަހެޅި އެވެ. މި ކޮމިޓީގައި ވާހަކަ ދައްކަމުން އެމްއެންޕީން ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށް ތިރިކުރުމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އަދި އެމްޑީއޭއިން ވަނީ މަޖިލީހުގެ މިހާރުގެ އަދަދަށް ބަދަލު ނާންނާނެ ގޮތަށް ކަނޑައެޅުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ދައުރަކުން އިތުރުވަމުންދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މެންބަރުންގެ އަދަދު 77 އަށް ތިރިކުރުމަށް އިސްލާހު ހުށަހަޅުއްވާނެކަން ހާމަކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިސް އަދާލަތު ޕަޓީ އެމްޑީއޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ދަ ޑިމޮކްރެޓްސް