ޔޫރޯ ފުޓުބޯޅަ މުބާރާތުގައި، އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ހަނި ގޮތަކަށް ސާބިއާ ކައިރިން މޮޅުވެއްޖެ އެވެ.
ރޭ ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި، ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން އިންގްލެންޑަށްް ލީޑު ނަގައިދިނީ ރެއާލް މެޑްރިޑްގެ ތަރި، ޖޫޑް ބެލިންގްހަމް އެވެ.
ބެލިންގްހަމްގެ ”ހުވަފެނީ“ ސީޒަނުގައި އޭނާ ވަނީ ރެއާލް އާ އެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. ޔޫރޯގެ ފުރަތަމަ މެޗުންވެސް އޭނާ ވަނީ ގޯލު ޖަހައި، ފޯމު ދަމަހައްޓާފަ އެވެ.
ދެވަނަ ހާފުގައި ގޯލު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހެރީ ކޭން އަށެވެ. ކޭން ބޮލުން ޖެހި ބޯޅަ، ސާބިއާގެ ކީޕަރު ޕްރީޑޮވިޗް ރަޖްކޯވިޗް ވަނީ ދިފާއުކޮށްފަ އެވެ. ކީޕަރު އަތުގައި ޖެހިފައި، ބޯޅަ ބޭރަށް ދިޔައީ ދަނޑީގައިވެސް ޖެހިފަ އެވެ.
މި މޮޅާއެކު، އިންގްލެންޑް މިވަގުތު އޮތީ ގުރޫޕު ”ސީ“ ގެ އެއްވަނައިގަ އެވެ. މި ގުރޫޕުގެ ފުރަތަމަ މެޗުގައި، ސްލޮވޭނިއާ އާއި ޑެންމާކް ބައްދަލުކޮށް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ،
