މިސްރުގެ ޝާމުއް ޝައިޚްގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޤަތަރުގެ ތިން އޮފިޝަލުން މަރުވެއްޖެކަމަށް ކައިރޯގައި ހުންނަ ޤަތަރުގެ އެމްބަސީން މިއަދު ހާމަކޮށްފިއެވެ.
މި ހާދިސާގައި އިތުރު ދެ އޮފިޝަލަކަށް އަނިޔާވެފައިވާ ކަމަށްވެސް އެމްބަސީން ބުނެފައިވެއެވެ.
އާދީއްތަ ދުވަހު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މަރުވި ތިން ބޭފުޅުންނަކީވެސް ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީގެ އިދާރީ އޮފީސް ކަމުގައިވާ އަމީރީ ދީވާންގެ މުވައްޒަފުންނެވެ. އެމްބަސީން މި ހާދިސާ ސިފަކޮށްފައިވަނީ ”ހިތާމަވެރި ޓްރެފިކް އެކްސިޑެންޓެއް“ ގެ ގޮތުގައެވެ. އަދި މި ތިން ބޭފުޅުން މަރުވެފައިވަނީ އެ ބޭފުޅުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ.
މި ހާދިސާގައި އަނިޔާވި ދެ އޮފިޝަލުންނަށް މިހާރު ވަނީ ޝާމުއް ޝައިޚްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. އެމްބަސީން ބުނެފައިވާ ގޮތުގައި، ”ކައިރޯގައި ހުންނަ ޤަތަރުގެ އެމްބަސީން މަރުހޫމުންގެ ޢާއިލާތަކަށް ފުން ހިތާމައާއެކު ތަޢުޒިޔާ ދަންނަވަމެވެ. އަދި މާތްﷲ އެ ބޭފުޅުންނަށް ފުޅާ ރަޙުމަތްލައްވައި، ސުވަރުގޭގެ ނިޢުމަތް ދެއްވައި، އަނިޔާވި ބޭފުޅުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ދަންނަވަމެވެ.“
މި ހާދިސާ ހިނގާފައިވަނީ މި ހަފްތާގެ ކުރީކޮޅު އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވުމެއްގެ މަޝްވަރާތައް ޝާމުއް ޝައިޚްގައި ކުރިއަށްދަނިކޮށެވެ. އަދި މި އެއްބަސްވުން ނިންމުމަށްޓަކައި ބާއްވާ ބައިނަލްއަޤްވާމީ ސަމިޓެއް ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.