އެއަރ އިންޑިއާގެ މަަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަކަށް 86،000 ޕައުންޑް ދިނުމަށް އެއަރ އިންޑިއާގެ ވެރިފަރާތް ކަމުގައިވާ ޓާޓާ ގްރޫޕުން ނިންމައިފި އެވެ.
އެއަރ އިންޑިއާގެ ޗެއަރޕާސަން ނަޓަރާޖަން ޗަންދްރަސެކަރަންއާ ހަވާލާދީ ސްކައިނިއުސްގަައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަކަށް 86،000 ޕައުންޑް ދިނުމުގެ އިތުރުން ހާދިސާގައި ޒަޚަމްވި މީހުންގެ ފަރުވާގެ ޚަރަދުވެސް ކުންފުނިން ދެއްކުމަށް ވަނީ ނިންމާފަ އެވެ.
86،000 ޕައުންޑްއަކީ ދިވެހި ރުފިޔާއިން ނަމަ، 1،800،285.30 (އެއް މިލިއަން އަށް ލައްކަ ދުއިސައްތަ އަށްޑިހަ ފަސް ރުފިޔާ ތިރީސް ލާރި) އެވެ. އެއަރ އިންޑިއާއަކީ މީގެކުރިން އިންޑިއާ ސަރުކާރުގެ އެއާލައިނެއް ނަމަވެސް 2022 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ އެ އެއާލައިން ވިއްކާލާފަ އެވެ. އެއާއެކު އެއާލައިން ގަތީ އިންޑިއާގެ ޓާޓާ ގުރޫޕްއާ (74.9% ހިއްސާ)، ސިންގަޕޯރ އެއާލައިންސް (25.1% ހިއްސާ) ގުޅިގެންނެވެ.
ޗަންދްރަސެކަރަން އިތުރަށް ވިދާޅުވި ގޮތުގައި ވިސްނުމަށްވެސް ގެންނަން އުދަނގޫ މި ހާލަތުގައި ކުންފުނިން މި ހާދިސާގެ އަސަރުކުރި އާއިލާތަކާއި އެކު ތިބޭނެ ކަމަށެވެ.
އިންޑިއާގެ އަހުމަދުއާބާދުގެ އެއާޕޯޓުން ނައްޓާލިތާ މަދުވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއަރ އިންޑިއާގެ ބޯޓުގައި 232 ފަސިންޖަރުންނާއި 10 ކްރޫ މެންބަރުން ދަތުރުކުރި އެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި އެންމެ މީހަކު ވަނީ ސަލާމަތްވެފަ އެވެ. އެއީ ބޯޓުގެ ސީޓް 11A ގައި އިން މީހާއެވެ.
މި ބޯޓުގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާގެ އެކަކާއި ޕޯޗުގަލްގެ ހަތް މީހުންނެވެ. ބޯޓު ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް އާންމުވެފައިވާއިރު، ފެންނަނީ ބޯޓު މައްޗަށް އަރަން ދިޔައިރު މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ މަންޒަރެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ބޯޓު ނައްޓާލިތާ އިރުކޮޅެއްފަހުން ’މޭޑޭ ކޯލް‘ އެއް އެއާޓްރެފިކް ކޮންޓްރޯލްއަށް ދީފައިވެ އެވެ. ނަމަވެސް އޭގެފަހުން އެއްވެސް ހަބަރެއް ނުވެ، އިރުކޮޅެއްފަހުން ބޯޓު ވެއްޓުނު ކަމަށް އެ އިދާރާތަކުން މައުލޫމާތު ދީފައިވެ އެވެ.



