ޗައިނާގައި ގޮތް ނޭގޭ ބައްޔެއް ފެތުރި ޗައިނާގެ ހޮަސްޕިޓަލްތައް ތޮށްޖެހިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، އެގައުމުގެ މެޑިކަލް ޔުނިޓްތަކުގައި އާއްމުން ތޮއްޖެހިފައިވާއިރު، ރޭގަނޑުގެ ދަންވަރުގެ ވަގުތުގައިވެސް ކުޑަކުދިން ގޮވައިގެން އެކުދިންގެ މައިންބަފައިން ދިގު ކިއުތަކުގައި ތިބޭތަން ފެނެ އެވެ.
އެގައުމުގެ މީޑިއާ ތަކުން ބުނާ ގޮތުގައި، މި ވައިރަސް ބޮޑަށް ބެލެވެނީ ހިއުމަން މެޓަޕްނިއުމޯވައިރަސް (އެޗްއެމްޕީވީ) ކިޔާ ވައިރަހަކުން ޖެހޭ ބައްޔެއްކަމަށެވެ. މި ބަލީގެ ސަބަބުން އާއްމުކޮށް ކުޑަކުދިންނަށް ބްރޮންކައިޓިސް ނުވަތަ ނިއުމޯނިއާ ޖެހުމުގެ ފުރުސަތު ސީރިއަސް ހާލަތަކަށް ގޮށްސި ނަމަ ބޮޑެވެ. މި ބަލީގެ ސަބަބުން ރޯގާ ޖެހި ހުން އައުމާއި، ކެއްސުން ހިމެނެ އެވެ.
ސޯޝަލް މީޑިއާގައި ފާޑުފާޑު ވާހަކަ މި ބައްޔާ ގުޅޭގޮތުން ފެތުރެމުން ދިޔަ ނަމަވެސް ޗައިނާގެ ނޭޝަނަލް ޑިޒީޒް ކޮންޓްރޯލް އެންށް ޕްރިވެންޝަން އެޑްމިނިސްޓްރޭޝަން (އެންސީޕީޑީ) އިން ވަނީ ބައްޔާއި ގުޅިގެން ހާލަތު ނުރައްކާތެރި ނޫންކަމަށް ބުނެފައެވެ. ނަމަވެސް އެގައުމުގައި ފާހަގަކޮށްލެވޭ އަދަދަކަށް މިދިޔަ ޑިސެންބަރު މަހުގެ 16 އިން 22 އާއި ދެމެދު ފުއްޕާމޭގެ އިންފެކްޝަންތައް އިތުރުވިކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މީގެ ފަސް އަހަރުކުރިން ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑާއި މި ބައްޔާއި ގިނަ ބަޔަކު އަންނަނީ އަޅާ ކިޔަމުން އެވެ.