ސީރިޔާގެ އާ ރައީސް އަބޫ މުހައްމަދު އަލް ޖޮލާނީއަކީ ޓެރަރިސްޓް ޖަމާއަތްތައް ކަމުގައިވާ އަލްގައިދާއާއި އައިސިސްއާއި ގުޅުންހުރި ފަރާތެއް ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ފިނޭންޝަލް ޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި، އަލް ޖޮލާނީއަކީ ސީރިޔާގައި މިއަދު ވެއްޓުނު ވެރިކަން ވެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އިއްތިހާދުގެ އިސް ބޭފުޅެކެވެ. އޭނާ މިހާތަނަށް މަސައްކަތް ކުރީ ސިއްރުން ކަމަށާއި، ނަމަވެސް ސީރިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ އެލެއްޕޯ، ކުރީގެ ރައީސް ބަޝާރުލް އައްސަދްގެ ފައުޖުގެ އަތްދަށުން ފޭރުމަށްފަހު އޭނާ ވަނީ މީޑިއާތަކުގެ ކުރިމަތީގައި ހަރަކާތްތެރިވާން ފަށާފަ އެވެ.
އަލް ޖޮލާނީގެ މާޒީއަށް ބަލާއިރު، 2013 ވަނަ އަހަރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އޭނާ ”ސްޕެޝަލީ ޑެޒިގްނޭޓެޑް ގްލޯބަލް ޓެރަރިސްޓް“ އެއްގެ ގޮތުގައި ލިސްޓްކޮށްފަ އެވެ. އަދި އޭނާ އަތުލައިގަތުމަށް މަގުފަހިވާ މަޢުލޫމާތެއް ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އިޢުލާންކޮށްފައިވެ އެވެ.
1982 ވަނަ އަހަރު އުފަންވި އަލް ޖޮލާނީ، އިރާގުގައި އަލްގައިދާއާ ގުޅުމަށްފަހު އެމެރިކާ ސިފައިންގެ ހައްޔަރުގައި ފަސް އަހަރު ވަންދެން ބަންދުގައި ހޭދަކުރި އެވެ. އޭގެފަހުން އޭނާ އެނބުރި ސީރިޔާއަށް ގޮސް، އަލް ނުސްރާ ފްރަންޓް ގާއިމްކުރި އެވެ.
2016 ވަނަ އަހަރު އަލް ޖޮލާނީ ވަނީ އަލްގައިދާ ޖަމާޢަތް ދޫކޮށް، ހަޔާތް-ތަހްރީރުލް ޝާމްގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާފަ އެވެ. ނަމަވެސް ހުޅަނގުގެ ބައެއް ގައުމުތަކުން މި ޖަމްޢިއްޔާ ބަލަނީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގަ އެވެ.
މިހާރު ސީރިޔާގެ އާ ރައީސްގެ ގޮތުގައި ހުންނެވި އަލް ޖޮލާނީ ވަނީ ހަލަބްގެ ކްރިސްޓިއަން މައިނޯރިޓީ ހިމެނޭ ގޮތަށް ހަލަބްގެ ރައްޔިތުންނާ މުޚާޠަބުކޮށް އޭނާގެ ވެރިކަމުގެ ދަށުން ހިމާޔަތް ލިބޭނެ ކަމަށް ވަޢުދުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސީރިޔާގެ މުސްތަޤްބަލާމެދު ސުވާލު އުފެދިފައިވެއެވެ. އަދި މި ކަމުގެ ސަބަބުން ސީރިޔާގެ ސިޔާސީ މަޝްރަޙު އިތުރަށް ހަލަބޮލިވެދާނެ ކަމަށް ސިޔާސީ ތަޙްލީލުކުރާ ފަރާތްތަކުން ބުނެއެވެ.