ސީރިއާގެ ވެރިރަށް ދިމިޝްޤުގެ ކޮންޓްރޯލް ހަނގުރާމަވެރިން ނަގައި، ރައީސް ބަޝާރު އަލް-އަސަދުގެ 24 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސްފިއެވެ.
ރޮއިޓަރޒްއަށް މައުލޫމާތުދިން ސީރިއާގެ އޮފިސަރެއް ބުނެފައިވަނީ، މި ބަދަލު އައީ ދުނިޔެ ހައިރާންކޮށްލި ޒާތުގެ އަވަސް ބަޣާވާތެއްގެ ފަހުގައި ކަމަށެވެ.
ހަނގުރާމަވެރިން ބުނާ ގޮތުގައި އެމީހުން ވަނީ ވެރިރަށަށް ވަދެ، އެތަނުގެ ކޮންޓްރޯލް ނަގާފަ އެވެ. އަދި އެތަނުގައި ސިފައިންގެ ބާރުތައް ޤާއިމުކޮށްފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް އެމީހުން ބުނެ އެވެ.
ހަނގުރާމަވެރިން ބުނެފައިވަނީ ”އަސަދުގެ އަތުން މިހާރު ދިމިޝްޤު މިނިވަންވެއްޖެ“ ކަމަށާއި، ސީރިއާގެ ރައްޔިތުންނާ މުޚާޠަބުކޮށް އެމީހުންގެ ފުރަތަމަ ބަޔާން ދައުލަތުގެ ޓެލެވިޜަނުން ފޮނުވާނެ ކަމަށެވެ.
ސީނިއަރ އާމީ އޮފިސަރުން ދެ މީހަކު ރޮއިޓަރޒްއަށް ބުނެފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ކުރީކޮޅު ރައީސް އަސަދު ވަނީ ދިމިޝްޤުން ނޭނގޭ މަންޒިލަކަށް ފުރައިގެން ގޮސްފަ އެވެ. ހެކިވެރިން ބުނާ ގޮތުގައި، އަސަދު ޢާއިލާގެ ވެރިކަމުން މިނިވަންވުމުގެ ގޮތުން ”މިނިވަންކަން“ ގޮވަމުން، އެތަށް ާސް މީހުން ކާރުގައާއި ހިނގާފައި ދިމިޝްޤުގެ މައި މައިދާނަކަށް އެއްވެފައިވެ އެވެ.
މި ކުއްލި ބަދަލަކީ މެދުއިރުމަތީގެ ސަރަޙައްދަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށާއި، މިއީ ރަޝިޔާއާއި އީރާނަށް ވަރަށް ބޮޑު ލޮޅުމެއް ކުރިމަތިވާނެ ކަމެއް ކަމަށް ބެލެވެ އެވެ.
ހަނގުރާމަވެރިން ބުނެފައިވަނީ ސީރިއާގެ ރައްޔިތުންނާއެކު އުފާކުރަނީ ބަންދީން މިނިވަންވެ، ސައިދްނާޔާ ޖަލުގައި އޮތް އަނިޔާވެރިކަމުގެ ޒަމާން ނިމުމަކަށް އައިސްފައިވާތީ ކަމަށެވެ. މި ޖަލުގައި ސީރިއާގެ ސަރުކާރުން އެތަށް ހާސް މީހުން ބަންދުކޮށްފައި ބޭތިއްބި އެވެ.
ފްލައިޓްރަޑާރ ވެބްސައިޓުގެ މަޢުލޫމާތުން ދައްކާ ގޮތުގައި، ވެރިރަށް ހަނގުރާމަވެރިންގެ އަތްމައްޗަށް ގޮސްފައިވާ ކަމަށް ރިޕޯޓު ކުރެވުނު ވަގުތާ ދާދި އެއް ވަގުތެއްގައި ސީރިއަން އެއަރގެ މަތިންދާބޯޓެއް ދިމިޝްޤު އެއަރޕޯޓުން ފުރައިގެން ގޮސްފައިވެ އެވެ. މި މަތިންދާބޯޓު ފުރަތަމަ ދަތުރުކުރީ ސީރިއާގެ ސަރަޙައްދާ ދިމާއަށް ކަމަށާއި، ނަމަވެސް އޭގެ ފަހުން ކުއްލިއަކަށް ޔޫ-ޓާނެއް ޖަހައި އިދިކޮޅު ދިމާލަކަށް މިނެޓު ތަކަކަށް ދަތުރުކުރުމަށްފަހު މެޕުން ގެއްލިގެން ގޮސްފައިވާ ކަމަށް ވެބްސައިޓުން ދައްކަ އެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ. ނަމަވެސް، މި ކުއްލި ބަދަލާ ގުޅިގެން ސަރަޙައްދުގެ ޤައުމުތަކުން އަވަސް އަވަހަށް ރައްދު ދޭނެ ކަމަށް ބެލެވެ އެވެ.
ސީރިއާގެ އާބާދީގެ ބޮޑު ބައެއް މިހާރު ދިރިއުޅެމުންދަނީ ޤައުމުން ބޭރުގައި ޕްރޮފެސަރ އަޙްމަދު ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން، މި ބަދަލާ ގުޅިގެން އެ ފަރާތްތަކުގެ ޤައުމަށް އެނބުރި އައުމުގެ ފުރުޞަތު އޮތްތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސީރިއާގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، އާ ސަރުކާރެއް އުފެދި، ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުވާނެ ކަމަށް ގިނަ ފަރާތްތަކުން އުންމީދު ކުރެ އެވެ. ނަމަވެސް، މި ބަދަލާ ގުޅިގެން އިތުރު ހަމަނުޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން ވެސް އެބައޮތެވެ.