ސައުތް އެފްރިކާއިން މެރެވާނާ ހުއްދަކޮށްފި އެވެ.
ސައުތް އެފްރިކާގައި މިހާރު ވަނީ މެރަވާނާ ގެންގުޅެ، އުފެއްދުމުގެ ހުއްދަ ދީފަ އެވެ. އެއާއެކު، އެ ގައުމު ވަނީ މުޅި އެފްރިކާ ބައްރުންވެސް މެރަވަނާ ބޭނުންކުރުން ހުއްދަ ކުރި ފުރަތަމަ ގައުމަށްވެފަ އެވެ.
އެފްރިކާއިން މިފަދަ ބޮޑު ބަދަލެއް ގެނައީ މޭ މަހުގައި ބޭއްވި އާންމު އިންތިހާބުގައި ވެރިކަންކުރަމުންދިޔަ އެފްރިކަން ނޭޝަނަލް ކޮންގްރެސްއަށް އިންތިހާބުން ބަލިވުމަށް ފަހު އެވެ. އެ ޕާޓީއަށް މިހާ ބޮޑު ނާކާމިޔާބީއެއް ލިބުނީ 30 އަހަރު ފަހުން ނެވެ.
އިންތިހާބު ބޭއްވިތާ އެއް ދުވަސް ފަހުން ސައުތް އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވަނީ ކެނަބިސް ފޯ ޕްރައިވެޓް އެކްޓްގައި ސޮއިކުރައްވާފަ އެވެ. އެހެން ނަމަވެސް، ސައުތް އެފްރިކާގައި ކެނަބިސްއާއި ގުޅުންހުރި މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ދޫކުރުމުގައި ސަރުކާރުން އަދިވެސް ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.
މެރަވާނާ ހުއްދަކުރިޔަސް، ސައުތް އެފްރިކާގައި އަދިވެސް މެރަވާނާ ވިއްކުމަކީ މަނާ ކަމެކެވެ. އެގައުމުގެ ރައްޔިތަކަށް މެރަވާނާ ބޭނުންކުރެވޭނީ އެގަސް އަމިއްލައަށް ހައްދައިގެން ނެވެ. އަދި މެރަވާނާ ވިއްކޭނީ ހަމައެކަނި ބޭސްފަރުވާގެ ބޭނުމަށް އެކަންޏެވެ. އެއީވެސް ޑޮކްޓަރެއްގެ ޕްރެސްކްރިޕްޝަނެއް ލިބުމުން އެކަންޏެވެ. އެކަމަކު އެގައުމުގައި މެރަވާނާ ވިއްކުމުގެ ބޮޑު ކަޅު ބާޒާރެއް ހިންގަމުން އެބަ ދެއެވެ.