އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ހުރިހައި މެޗެއްގައިވެސް ”ހައިޑްރޭޝަން ބްރޭކް“ އެއް ދިނުމަށް ފީފާ އިން ނިންމައިފިއެވެ.
ހައިޑްރޭޝަން ބްރޭކްގެ ގޮތުގައި ކޮންމެ ހާފަކުން ތިން މިނެޓު ދިނުމަށް ހަމަޖެހިފައިވާއިރު، ފީފާ އިން ބުނީ ކުޅުންތެރިންގެ ސިއްހަތަށް އިސްކަން ދޭ ކަމަށެވެ. އެގޮތުން، ހުރިހައި ޓީމަކަށް ހަމަހަމަ ކުރުމުގެ ގޮތުން، ކޮންމެ ގޮތަކަށް މޫސުން އޮތްކަމުގައިވިޔަސް ބްރޭކް ދިނުމަށް ވަނީ ނިންމާފައެވެ.
ހައިޑްރޭޝަން ބްރޭކް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހާފެއްގެ 22 ވަނަ މިނެޓުގައެވެ. އެ ވަގުތުގައި ކުޅުންތެރިންނަށް ބެންޗު ސަރަހައްދަށް ގޮސް ފެން ބުއިމުގެ ފުރުސަތު ލިބޭނެއެވެ.
އަންނަ އަހަރުގެ ޖޫން އަދި ޖުލައި މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގައި މުބާރާތް ކުރިޔަށްދާއިރު، އެ ސަރަހައްދަށް އާދަޔާހިލާފަށް ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިކަމުގެ އަސަރު ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންނަށް ކޮށްފާނެ ކަމަށްވެސް ފީފާ އިން ވަނީ ބުނެފައެވެ. މީގެއިތުރުން، މުބާރާތް ކުޅޭ 16 ސަރަހައްދުގެ ތެރެއިން 10 ސަރަހައްދަކަށް ވަރަށް ހޫނު ވާނެ ކަމަށް ބެލެވެއެވެ.
ހޫނު ދުވަސްވަރަކަށް މުބާރާތް ތާވަލު ކުރުމާ ގުޅިގެން ކުޅުންތެރިންނާއި ކޯޗުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޗެލްސީ އަދި އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް ބުނީ، ގަދަ ހޫނުގައި ކުޅުމުގެ ސަބަބުން ބޯ އަނބުރާ ކަމަށެވެ. މީގެއިތުރުން، އިންގްލެންޑުގެ ކޯޗު، ތޯމަސް ޓުޗެލް ބުނީ، ހޫނު ގަދަވުމުގެ ސަބަބުން، ބަދަލަކަށް ކުޅެން ނެރެން ތިބި ކުޅުންތެރިން ޗޭންޖިން ރޫމުގައި ބައިތިއްބަންވެސް ޖެހިދާނެ ކަމަށެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް ފަށަން ތަފާތު 13 ވަގުތެއް ކަނޑައަޅާފައިވަނީވެސް ހޫނު ގަދަވުމުގެ ސަބަބުންނެވެ.



