ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ މުހައްމަދު ކުޑޫސް ޖެހި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ކޮމޮރޮސް ބަލިކޮށް، ގާނާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ގާނާ އަށް ވަނީ ގުރޫޕު ”އައި“ ގެ އެއްވަނައިގައި 25 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި މަޑަގަސްކާ އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ގާނާ އަކީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި އެފްރިކާގެ ފަސްވަނަ ގައުމެވެ.
ކޮމޮރޯސް އާ ދެކޮޅަށް ކުޅުނު މެޗުން ގާނާ މޮޅުކޮށްދިނީ ޓޮޓެންހަމްގެ ކުޑޫސް އެވެ. ތޯމަސް ޕާޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކުޑޫސް ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައެވެ.
ގާނާ އަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން ނޯތު އެފްރިކާ އިން ބޭރުން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމެވެ. އެފްރިކާއިން މިހާތަނަށް ކޮލިފައިވި ޓީމުތަކަކީ ގާނާގެ އިތުރުން އަލްޖީރިއާ، އިޖިޕްޓް، ޓިޔުނީޝިއާ އަދި 2022 ވަނަ އަހަރުގެ ސެމީ ފައިނަލިސްޓު، މޮރޮކޯ އެވެ.
ބަމަކޯ އަތުން 4-1 ގެ ނަތީޖާއަކުން މަޑަގަސްކާ ބަލިވުމާއެކު އެ ޓީމަށް ވަނީ ވޯލްޑް ކަޕުން ޖާގަ ގެއްލިފައެވެ.