ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އޮސްމާން ޑެމްބެލޭގެ ލަނޑާއެކު 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް، ޕީއެސްޖީން ފައިދާ ނަގައިފިއެވެ.
ކުއާޓާ ފައިނަލުގެ ދެ ލެގުގައިވެސް ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު އާސެނަލް އިން މެޗަށް ނިކުތީ ގަދަ އުއްމީދާއެކުއެވެ. ނަމަވެސް، އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޑެމްބެލޭ ވަނީ ލަނޑު ޖަހައި ޕީއެސްޖީއަށް ކުރިހޯދަދީފައެވެ.
މެޗުގެ ކުރީކޮޅު، ޕީއެސްޖީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން، ޑެސަޔާ ޑޫއޭ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ޑޫއޭގެ ހަމަލާ ހުއްޓުވާފައެވެ.
ޕީއެސްޖީން ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލާފައެވެ. މި މެޗުގައި އެ ޓީމުގެ ކީޕަރު، ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ އާސެނަލްގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން ލިވަޕޫލް އާއި އެސްޓަން ވިލާ ބަލިކުރިއިރުވެސް ޑޮންނަރުންމާ ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
މި މެޗުގައި އާސެނަލްގެ ގަބްރިއެލް މާޓިނެލީ އާއި ލިއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ، ޑޮންނަރުންމާ ވަނީ ހުއްޓުވާފައެވެ. އަދި މިކެލް މެރީނޯ ޖެހި ލަނޑު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ދެވަނަ ހާފުގައި ޕީއެސްޖީއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޑްލީ ބާކޯލާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި ގޮންސާލޯ ރާމޯސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ.