އއ.ބޮޑުފުޅަދޫ، ޔަންގް ޕްލޭޔާސް ސްޕޯޓްސް ކްލަބްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ވައިޕީ ވެޓެރަންސް ފުޓްސަލް ޓޯނަމެންޓުގެ ގުރު ނަގައިފި އެވެ.
ޖުމްލަ ފަސް ޓީމަކުން ބައިވެރިވި މި މުބާރާތުގެ ފުރަތަމަ ބުރު ކުޅޭނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އަދި ދެވަނަ އާއި ތިންވަނަ ހޯދާ ޓީމު، ޕްލޭ އޮފް ކުޅޭނެ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެ އެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމު ތަކަކީ، މަތިވެރި ވެޓެރަންސް، އަފިޔަންސް ސްޕޯޓްސް ކްލަބް، ކޭކޭ ކަނޑުމަތި، އާރު އެފްޓީ އަދި އެފްޓީ ނަކަސޯލް އެވެ. މި މުބާރާތް ދެފަހަރު ބާއްވާފައިވާއިރު، ދެ ފަހަރުވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ނަކަސޯލް އިންނެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަތިވެރި ވެޓެރަންސް އާއި އަފިޔަންސް އެވެ. ޕްލޭ އޮފް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 15 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ 16 ވަނަ ދުވަހު އެވެ.
މި މުބާރާތަކީ ބޮޑުފުޅަދޫ ކައުންސިލްގެ ފަސް އަހަރުގެ ޕްލޭންގައި ހިމަނާފައިވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމް ކުރަނީ ޔަންގް ޕްލޭޔާސް ސްޕޯޓްސް ކްލަބް ފަރާތުންނެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ޖަވިޔަނި ހަމަޖައްސާފައިވާއިރު، ލައިވް ޕާޓްނަރަކީ އަހޫ ސްޓްރީމް އެވެ. ޕްރިންޓިން ޕާޓްނަރަކީ ރެޑް ކްރިއޭޓިކް އެވެ. އަދި ކިޓް ޕާޓްނަރަކީ ކެޕްޓަން މޯލްޑިވްސް އެވެ.


