އއ.ބޮޑުފުޅަދޫ، ޔަންގް ޕްލޭޔާސް ސްޕޯޓްސް ކްލަބްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ވައިޕީ ވެޓެރަންސް ފުޓްސަލް ޓޯނަމެންޓުގެ މީޑިއާ ޕާޓްނަރަކަށް ޖަވިޔަނި ހަމަޖައްސައިފި އެވެ.
ޖަވިޔަންޏާއި ޔަންގް ޕްލޭޔާސް އެސްސީ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، މުބާރާތުގެ ހުރިހައި އަދާހަމައެއް ޖަވިޔަނިން ގެނެސްދޭނެ އެވެ.
މިއަހަރުގެ މުބަރާތަކީ ޔަންގް ޕެލޭޔާސް އެސްސީގެ ފަރާތުން ބާއްވާ ތިންވަނަ ވެޓެރަންސް މުބާރާތެވެ. އުމުރުން 35 އަހަރުން މަތީ މީހުނަށް ހާއްސަ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހު 25 ވަނަ ދުވަހެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. ދެ މުބަރާތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ދެ މުބާރާތުގެވެސް ޗެމްޕިއަން ޓީމަކީ އެފްޓީ ނިކަސޯލް އެވެ. ނިކަސޯލް އަކީ ނިކަ އައިލެންޑް ރިސޯޓަށް ނިސްބަތްވާ ޓީމެކެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ޖަވިޔަނި ހަމަޖައްސާފައިވާއިރު، ލައިވް ޕާޓްނަރަކީ އަހޫ ސްޓްރީމް އެވެ. ޕްރިންޓިން ޕާޓްނަރަކީ ރެޑް ކްރިއޭޓިކް އެވެ. އަދި ކިޓް ޕާޓްނަރަކީ ކެޕްޓަން މޯލްޑިވްސް އެވެ.