ރިސޯޓު ލީގު ބާ ޒޯނުގެ ސެމީ ފައިނަލުގައި މިލައިދޫ މޯލްޑިވްސް ބަލިކުރުމަށްފަހު، އަނަންތަރާ ކިހަވަށް މޯލްޑިވްސް ފައިނަލަށް ދަތުރުކޮށްފި އެވެ.
މިލައިދޫ ސެމީ އަށް ގޮސްފައިވަނީ ގުރޫޕު ”އޭ“ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އަނަންތަރާ ސެމީ އަށް ދިޔައީ ގުރޫޕު ”ބީ“ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުން އަނަންތަރާ މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އަނަންތަރާގެ ކެޕްޓަން، ހުސައިން ހަނާން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އޭނާ ވަނީ 13 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. މިލައިދުއަށް އުއްމީދެއް ލިބުނީ ހާފު ނިމެން ކައިރިވެފައިވަނިކޮށް، މުހައްމަދު ޝައްމާހު ކާމިޔާބުކުރި ލަނޑާއެކު އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޝައްމާހު ވަނީ އިތުރު ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އަނަންތަރާ އިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮ ށެވެ. އެ ލަނޑު އަނަންތަރާ އަށް ޖަހައިދިނީ އަލީ ޖުނެއިދު އެވެ. އޭގެ ފަހުން އަނަންތަރާ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ޖެހީ އިސްމާއިލް އުމަރު އާއި ހަނާން އެވެ.
މި މެޗުގައި އަނަންތަރާގެ ހަނާން ވަނީ ހެޓްރިކް ފުރިހަމަކޮށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.
