މިހާރު ކުރިޔަށްދާ ރިސޯޓު ސުޕަ ލީގުގެ ސެމީ ފައިނަލުގައި 5-1 ގެ ނަތީޖާއަކުން ކޮންރެޑް މޯލްޑިވްސް ބަލިކޮށް، ޖޯލި މޯލްޑިވްސް ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ބުރުގައި 10-7 ގެ އެގްރިގޭޓް ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ބަލިކޮށް، ބަނޑޮސް މޯލްޑިވްސް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ޖޯލި ސެމީ ފައިނަލުން ޖާގަ ހޯދީ، 9-6 ގެ އެގްރިގޭޓް ނަތީޖާއަކުން އަނަންތަރާ ކިހަވަށް މޯލްޑިވްސް ބަލިކުރުމަށްފަހު އެވެ. އަދި ކޮންރެޑުން ވަނީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން އަންސާނާ ވެލާވަރު ބަލިކޮށްފަ އެވެ.
ޖޯލި ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި ޖޯލިގެ ކެޕްޓަން، މުސްލިމް މުހައްމަދު ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޯލިން ވަނީ އިތުރު ލަނޑެއް ޖަހައި، ،މުޅި މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. ހާފުގެ ފަހު މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މުހައްމަދު ވިޝާމް އެވެ.
ދެވަނަ ހާފު ފެށިގެން ކޮންރެޑުން ވަނީ މެޗަށް އެނބުރި ވަނުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން، ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ފާއިގް އަހުމަދު ޖެހި ލަނޑާއެކު ކޮންރެޑުން ވަނީ އުއްމީދު އައުކޮށްފަ އެވެ.
ކޮންރެޑުން ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރި ދަނޑިވަޅުގައި، މުހައްމަދު ޖުމާން ވަނީ ލަނޑެއް ޖަހައި، ޖޯއްޔަށް އަނެއްކާވެސް ތިން ލަނޑުގެ ލީޑެއް ހޯދަދީފަ އެވެ. މިއާއެކު، މެޗުގެ ޓެމްޕޯ އަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.
މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖޯލި ޓީމުގެ ނަޒީހު އިސްމާއީލް އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލާފަ އެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން މުސްލިމް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ޖޯލި ޓީމަށް އުފާވެރިކަން ގެނެސްދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް މުސްލިމް އެވެ.
ބަނޑޮހާއި ޖޯލި ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.