މިހާރު ކުރިޔަށްދާ ރިސޯޓު ސުޕަ ލީގުގައި ކޮންރެޑް މޯލްޑިވްސް އިން އަންސާނާ ވެލާވަރު ބަލިކޮށް، ސެމީ ފައިނަލަށް ދަތުރުކުރިއިރު، ބަނޑޮސް މޯލްޑިވްސް އަށް ފައިނަލުގެ ޖާގަ ކަށަވަރުވެއްޖެ އެވެ.
ހަ ޓީމު ވާދަކުތާ މި މުބާރާތުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ލަނޑު ޖަހައިގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރުސަތު ޔަގީންވާނެ އެވެ. ޖޯލި މޯލްޑިވްސް އިން ވަނީ 9-6 ގެ އެގްރިގޭޓް ނަތީޖާއަކުން އަނަންތަރާ ކިހަވަށް މޯލްޑިވްސް ބަލިކޮށްފަ އެވެ. އަދި ބަނޑޮހުން ވަނީ 7-10 ގެ އެގްރިގޭޓް ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ބަލިކޮށްފަ އެވެ.
ކޮންރެޑާއި އަންސާނާ ބައްދަލުކުރި މެޗުގެ ފުރަތަމަ ލެގު ކޮންރެޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ކޮންރެޑުގެ ދަނޑުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ކޮންރެޑުން ވަނީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކާއެކު ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއާއެކު، ބަނޑޮހަށް ވަނީ ފައިނަލުގެ ޖާގަ ޔަގީންވެފަ އެވެ. ސެމީ ފައިނަލުގައި ބައްދަލުކުރާނީ ކޮންރެޑާއި ޖޯލި އެވެ.
ކޮންރެޑުގެ ދަނޑުގައި ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އާދަމް އާޒިމް ވަނީ ލަނޑެއް ޖަހައި، ކޮންރެޑަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ފާއިގު އަހުމަދު ވަނީ ލަނޑެއް ޖަހައި، ކޮންރެޑަށް ލީޑު ފުޅާކޮށްދީފަ އެވެ. މިއާއެކު، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން، ވެލާވަރުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ޓީމަށް ހިތްވަރެއް ލިބުނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މުހައްމަދު ޝާހު ޖެހި ލަނޑާއެކު އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޮންރެޑުގެ އާޒިމް އެވެ.