ރިސޯޓު ލީގު ޒޯނު ތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ، ރިސޯޓު ސުޕަ ލީގުގައި އަންސާނާ ވެލާވަރު ބަލިކޮށް، ކޮންރެޑް މޯލްޑިވްސް އިން މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ހަ ޒޯނުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މުބާރާތުގެ މެޗުތައް މިހާތަނަށް ކާމިޔާބުކޮށްފައިވަނީ ޖޯލި މޯލްޑިވްސް އާއި ބަނޑޮސް މޯލްޑިވްސް އިންނެވެ. ޖޯލިން ވަނީ 9-6 ގެ އެގްރިގޭޓް ނަތީޖާއަކުން އަނަންތަރާ ކިހަވަށް މޯލްޑިވްސް ބަލިކޮށްފަ އެވެ. އަދި ބަނޑޮހުން ވަނީ 7-10 ގެ އެގްރިގޭޓް ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ބަލިކޮށްފަ އެވެ.
އަންގާރަ ދުވަހު ހަވީރު ވެލާވަރު ދަނޑުގައި ކުޅުނު މެޗުން ކޮންރެޑް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެލާވަރުންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އީލާފް އަހުމަދު އެވެ.
ކޮންރެޑުން ވަނީ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި، ނަތީޖާ އަނބުރާލާފަ އެވެ. ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ އުމެއިރު އެވެ. އަދި ހާފުގެ ފަހު މިނެޓުގައި އިސްމާއީލް ޝިޔާޒް ވަނީ ލަނޑެއް ޖަހައި، ކޮންރެޑަށް ކުރިހޯދަދީފަ އެވެ.
ދެވަނަ ހާފު ފެށިގެން ވެލާވަރުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް، މެޗުގެ 31 ވަނަ މިނެޓުގައި އުމެއިރު ވަނީ އިތުރު ލަނޑެއް ޖަހައި، ކޮންރެޑަށް ލީޑު ފުޅާކޮށްދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް އުމެއިރު އެވެ.
ކޮންރެޑުގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.