ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން, ސާފް އިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ތިން މުބާރާތެއްގެ ގުރު ނަގައިފި އެވެ.
ހޮނިހިރު ދުވަހު ސާފް އިން ގުރު ނަގާފައިވަނީ 20 އަހަރުން ދަށުގެ މުބާރަތާއި 17 އަހަރުން ދަށުގެ މުބާރާތުގެ އިތުރުން ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ އެވެ.
އޯގަސްޓް މަހު 16 އިން 18 އަށް ނޭޕާލްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ގުރޫޕު ”ބީ“ ގައެވެ. ރާއްޖޭގެ އިތުރުން މި ގުރޫޕުގައި ހިމެނެނީ އިންޑިއާ އާއި ބޫޓާން އެވެ. ގުރޫޕު ”އޭ“ ގައި ހިމެނެނީ ނޭޕާލް އާއި ބަންގްލަދޭޝް އާއި ޕާކިސްތާންގެ އިތުރުން ލަންކާ އެވެ.
17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ އޮތީ އިންޑިއާ އާއި ބަންގްލަދޭޝް އާއެކު ގުރޫޕު ”އޭ“ ގައެވެ. ގުރޫޕު ”ބީ“ ގައި ހިމެނެނީ ބޫޓާން އާއި ނޭޕާލް އާއި ލަންކާގެ އިތުރުން ޕާކިސްތާން އެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސެމްޓެންބަރު މަހު 18 އިން 28 ގެ ނިޔަލަށް ބޫޓާން ގައެވެ.
އޮކްޓޯބަރު މަހު 17 އިން 30 އަށް ނޭޕާލްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނިފައިވަނީ ގުރޫޕު ”ބީ“ ގައެވެ. ރާއްޖޭގެ އިތުރުން މި ގުރޫޕުގައި ހިމެނެނީ ނޭޕާލް އާއި ލަންކާ އަދި ބޫޓާން އެވެ. ގުރޫޕު ”އޭ“ ގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާން އެވެ.
19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، 16 އަހަރުން ދަށުގެ މުބާރާތެއް ބޭއްވުމަށްވެސް އެފްއޭއެމް އިން ވަނީ ތާވަލުކޮށްފަ އެވެ. ނަމަވެސް، އަންހެން ފުޓުބޯޅަ އަށް ހާއްސަ އެއްވެސް މުބާރާތެއް އަދި ރާވާފައެއް ނުވެއެވެ.
