ކޮރަޕްޝަންގެ ތަހުގީގު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ހަމައިން ނުނިމޭނެކަން އެމްޑީޕީގެ އިސްކޮށް ތިބި ފަރާތްތަކަށް މިހާރު ޔަގީންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.
މިރޭ ކުރިއަށް ގެންދިޔަ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސްނީ މުބާރިކް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝަރީއަތެއް ހިންގޭނީ ވަކި ކަންތައްތަކެއް ތަހުގީގުކޮށް އޮޑިޓްކުރަން ޖެހޭ ކަންކަން އޮޑިޓް ކުރުމަށްފަހު ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެެ. އަދި ހުސްނީ މުބާރިކް ވިދާޅުވީ އެންމެ ކުންފުންޏެއްގެ އޮޑިޓް ރިޕޯޓުން ވަރަށް ސާފުކޮށް ގައުމު އޮތް ހާލަތު ފެންނަން އޮތް ކަމަށެވެ. އަދި ކޮރަޕްޝަންގެ ތަހުގީގު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދާއި ހަމައިން ނިންމާ ނުލާނެކަން އެމްޑީޕީގެ އިސްކޮށް ތިބި ފަރާތްތަކަށް ޔަގީން ވެފައިވާ ކަމަށެވެ.
”މިހާރު އެމްޑީޕީގެ އިސްކޮށް ތިބި ފަރާތްތަކަށް ޔަޤީންވެއްޖެ މިއީ ފެނަކަ ސައީދާ ހިސާބުން ނިންމާލާނެ ކަމެއް ނޫންކަން. ނިންމާލެވެން ނެތްކަން، ހަމަ ޔަޤީނުންވެސް ފެނަކަ ސައީދާ ހިސާބުން މިކަން ނުނިމޭނެކަން. [އެމްޑީޕީ] އިސް ސަފުގައި ތިބި ގިނަ ބަޔަކު މީގައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވާންޖެހޭނެކަން، ގިނަ ދުވަސްތަކަކަށް ހަމަ ޔަޤީނުންވެސް ގައިދުކުރެވޭ ހާލަތެއް ވެސް އަތުވެދާނެކަން.“ ހުސްނީ މުބާރިކް ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ ތަފާތު ވާހަކަތައް ދައްކައިގެން އެމްޑީޕީ އިން ގައުމު ހަލަބޮލި ކުރަން މަސައްކަތް ކުރަމުން އަންނަތަން ފެންނަ ކަމަށާއި، މިހާރު ރާއްޖޭގައި އެ ވާހަކަތައް ގަބޫލުކުރާނެ ބަޔަކު ނެތްކަމަށެވެ.
”އަޅުގަނޑަކަށް ހިއެއްނުވޭ މިހާރު ރާއްޖޭގައި އެ ވާހަކަ ގަބޫލުކުރާ ރައްޔިތަކު ހުރިހެނެއް. އަޅުގަނޑަކަށް ހިއެއްނުވޭ އެ ބޭފުޅުން އެ ދައްކާ ވާހަކަ ގަބޫލުކޮށްގެން އެ މަޅީގައި ޖެހިގެން މިއަދު ނުކުންނާނެ ރައްޔިތަކު ހުރިހެނެއް. އެއަށްވުރެ ސާފުކޮށް މިދިޔަ ފަސް އަހަރު ތެރޭގައި ޤައުމު ދަވާލާފައި އޮތްގޮތް މި އޮތީ ފެންނަން. އެންމެ ކުންފުންޏެއްގެ އޮޑިޓް ރިޕޯޓާ ހަމައިން. ”ހުސްނީ މުބާރިކް ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ނިޒާމެއްގައި ގައުމު ހިނގާއިރު، ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭކަން ފާހަގަކުރައްވައި ހުސްނީ މުބާރިކް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް މިހާރު ނެތް ކަމަށެވެ.
ޕީއެންސީ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން މިނިސްޓަރުންނާއި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
