މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައިވާ ކަމަށާއި، ކުރިއަށް އޮތް ފަސް ދުވަހުވެސް މި ހާލަތު ދެމިއޮންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މިއަދަކީ މިދިޔަ ހަފްތާގައި ވައި ނުސާފުވާން ފެށިފަހުން ވައިގެ ކޮލިޓީ އެންމެ ބޮޑަށް ދަށްވި ދުވަހެވެ.
މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިހާރު ހުރީ އެއާ ކޮލިޓީ އިންޑެކްސް އިން ބަލާނަމަ ’އަންހެލްދީ‘ ނުވަތަ ސިއްހަތަށް ނުރައްކާތެރި ލެވެލްއެއްގަ އެވެ. މި ވަގުތު މާލޭގެ ވައިގެ ކޮލިޓީ ހުރީ ނުރައްކަލުގެ ރެޑް އެލާޓުގަ އެވެ. ޔޫއެސް އެއާ ކޮލިޓީ އިންޑެކްސް މިހާރު ހުރީ 177 ގަ އެވެ.
ވައިގެ ނުސާފު މިންވަރު، މިންކުރާ އެލާޓް ލެވަލްތައް؛
| AQI މިންވަރު | އެލާޓް ކުލަ | ހާލަތު |
| 0 – 50 | ފެހި | ރަނގަޅު |
| 51 – 100 | ރީނދޫ | އާދައިގެ މިންވަރު |
| 101 – 150 | އޮރެންޖް | ނާޒުކު މީހުންނަށް ނުރައްކާ |
| 151 – 200 | ރަތް | ބަލިވާނެ މިންވަރު / ނުރައްކާތެރި |
| 201 – 300 | ދަނބު | ވަރަށް ނުރައްކާތެރި |
| 301+ | މުށި / ކަޅު | ހާލަތު ގޯސް |
މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ވެސް ވައިގެ ކޮލިޓީ ވަނީ ދަށްވެފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި ”އުތުރުގެ ސަރަހައްދުތަކާއި ދެކުނު ސަރަހައްދުތަކުގައި ވެސް ވައިގެ ކޮލިޓީ އެހާ ރަނގަޅެއް ނޫން. އެތަންތަނުގައި ވެސް ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހުންނަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައި ހުރީ.“ އެވެ.
މޭލޭގެ އިތުރުން، ރާއްޖެ ސަރަހައްދުން ދެން އެންމެ ވައި ނުސާފީ ކުޑަހުވަދޫއަށެވެ. އެ ސަރަހައްދުގެ ވައިގެ ނުސާފު މިންވަރު ހުރީ އޮރެންޖް އެލާޓްގަ އެވެ.

ވައިގެ ތެރޭގައި ހިމެނޭ ފުއްޕާމެއަށާއި ލޭގެ ތެރެއަށް ފަސޭހައިން އެތެރެވާ ހިމުން ކުނޑި ނުވަތަ ’ފައިން ޕާޓިކިއުލޭޓް މެޓާ‘ ގެ މިންވަރު މިހާރު ވަނީ ކޮންމެ ކިއުބިކް މީޓަރެއްގައި 93 މައިކްރޯ ގްރާމަށް އަރާފަ އެވެ. މީގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށާއި އާންމުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
މި ދުވަސްވަރު ވައި ނުސާފުވަނީ އިރުވައި މޫސުމާ ގުޅިގެން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ’ހޭޒް‘ ނުވަތަ ދުމާއި ހިރަފުހުގެ ސަބަބުންނެވެ. ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ހުރީ އިރުއުތުރުން ކަމަށްވާތީ، އިރުމަތިން އަންނަ ހިރަފުހުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ވައިގެ ކޮލިޓީ އެއް މިންގަނޑެއްގައި ނުހުރެދާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.



