ސީރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތް އައިސިސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ ސީރިޔާގައި ހަރަކާތްތެރިވާ އައިސިސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށާއި މި ހަމަލާތައް ދީފައިވަނީ ތިން ތަނަކަށް އަމާޒުކޮށް ކަމަށެވެ.
އެމެރިކާއިން މި ހަމަލާދީފައިވަނީ އައިސިސްއަށް ތާއީދުކުރާ މީހަކު ސީރިޔާގައި އެމެރިކާގެ ދެ ސިފައިން މަރާލުމާ ގުޅިގެންނެވެ.
ޓްރަމްޕް ބުނެފައިވަނީ މި ހަމަލާއަކީ ވަރަށް ކާމިޔާބު ހަމަލާއެއް ކަމަށާއި ޓާގެޓް ކުރަންބޭނުންވި ތަންތަނަށް ކާމިޔާބުކަމާއެކު ހަމަލާ ދެވުނު ކަމަށެވެ.
އެމެރިކާއިން ސީރިޔާގެ މިހާރުގެ ސަރުކާރާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާއިރު، ސީރިޔާއިން ވެސް ވަނީ އައިސިސްގެ ހަނގުރާމަވެރިން ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
ސީރިޔާގައި އެމެރިކާގެ ދެ ސިފައިން މަރާލުމާ ގުޅިގެން ޓްރަމްޕް ވަނީ އެމެރިކާއަށް ސީރިޔާގެ ރައްޔިތުން ވަނުން މަނާ ކޮށްފަ އެވެ.


