ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، ފުލުހުން ހަރަކާތްތެރިވެ އެ ދޯނިން ދަތުރުކުރި މީހާ ސަލާމަތްކޮށްފި އެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 11:50 އެހާކަންހާއިރު އެވެ.
ފުލުހުން ބުނީ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް، ދޯނިން ދަތުރުކުރި މީހާ ފީވަކު ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ. ސަލާމަތްކުރެވުނު މީހާއަކީ 68 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެ އެވެ.
އެމީހާ ވަގުތުން ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް ވަނީ ގެންގޮސްފަ އެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، ސަލާމަތްކުރެވުނު މީހާގެ ހާލު ރަނގަޅު ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެމީހާ ދަތުރުކޮށްފައިވަނީ އެކަނިކަން ވަނީ އެނގިފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ދިޔަވެފައިވާ ދޯނީގެ ބައެއް ތަކެތި އޮޔާ ދަތުރުކުރަމުންދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.



