އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން އާލަންޑް ޖެހި ދެ ލަނޑާއެކު މެންޗެސްޓާ ސިޓީއިން 3-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފި އެވެ.
ޕެލަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ފުރަތަމަ ލިބުނީ ޕެލަސް އަށެވެ. އެ ޓީމުގެ އެޑަމް ވާޓަން އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެފަހުން ވެސް އެ ޓީމަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރުވެފަ އެވެ.
ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މަތެއުސް ނޫނޭސް ނަގައިދިން ހުރަހަކުން ހާލަންޑް ވަނީ ލަނޑު ޖަހައި ސިޓީއަށް ކުރިހޯދަދީފަ އެވެ. ސިޓީއިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން ސިޓީގެ ޓިޖަނީ ރެއިންޑާސް އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ، ޕެލަސްގެ ކީޕަރު ޑީން ހެންޑަސަން ވަނީ ދިފާއުކޮށްފަ އެވެ. އޭގެފަހުން، ފިލް ފޯޑެން ވަނީ އެނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތުހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ސިޓީއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ ޕެލަސްގެ އޭރިއާ ތެރެއިން ސިޓީގެ ސަވީނިއޯ އަށް ހެންޑަސަން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ހާލަންޑް ވަނީ ސިޓީއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.
މި ނަތީޖާއާއެކު ސިޓީއިން ވަނީ އަނެއްކާވެސް އެއްވަނައިގައި އޮތް އާސެނަލް އާ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އާސެނަލް އަށް 36 ޕޮއިންޓު ލިބިފައިވާއިރު ސިޓީއަށް ލިބިފައިވަނީ 34 ޕޮއިންޓެވެ.


