މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 2.1 މިލިއަނަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 2,106,122 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިންގެ އަދަދު 10.1 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,912,304 ފަތުރުވެރިންނެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން 320,721 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ 15.2 އިންސައްތަ ހިއްސާއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 263,172 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ 12.5 އިންސައްތަ ހިއްސާއެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫކޭ އިންނެވެ. އެ ގައުމުން 189,513 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ މާކެޓުގެ 9.0 ހިއްސާއެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ގޮތަށް ބަލާއިރު، 21.6 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަ ކޮށްފައިވަނީ ގެސްޓު ހައުސްތަކުގައެވެ. މީގެ އިތުރުން، ހޮޓާ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 2.6 އިންސައްތަ ފަތުރުވެރިންނެވެ. އަދި 2.1 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ސަފާރީތަކުގައެވެ. މި ތަފާސް ހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ގެސްޓު ހައުސްތަކުގެ ދައުރު އިތުރުވަމުން އަންނަ ކަމެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން



