ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ދެ ކަނބަލުން ދުވާފަރުގައި ރުއް އިންދަވައިފި އެވެ.
މި ޕްރޮގްރާމް ގެ ދަށުން އެ ދެ ކަނބަލުން ރުއް އިންދަވާފައިވަނީ މިއަދު އެދެ ކަނބަލުން ދުވާފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ދެ ކަނބަލުން ވަނީ ދެ ރުއް އެ ރަށުގައި އިންދަވާފަ އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ވައުދުފުޅެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށެވެ. މި މަޝްރޫއުއަކީ މޫސުމަށް އަންނަ ބަދަލުތަކުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ދިވެހިރާއްޖޭގެ މާހައުލީނިޒާމުތައް ހިމާޔަތްކޮށް، ދެމެހެއްޓުމަށާއި، މިހާރުގެ ޖީލަށާއި އަންނާންއޮތް ޖީލުތަކަށް ދިވެހިރާއްޖޭގެ ވެށީގެ ރީތިކަމާއި މުއްސަނދިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 967،431 ގަސް އެކި ސަރަހައްދުތަކުގައި އިންދާފައިވެ އެވެ.


