ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު އެމީހަކަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ، ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ކުށެއް ކަމަށެވެ.
ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީން ރާއްޖޭގައި ތިބެންވާނީ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރޭގައި، އަދި އެ ހުއްދައިގައިވާ ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އަދި ހުއްދަ އާ ހިލާފުވާ ބިދޭސީންނާމެދު ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
”ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ބޭރުން އަދި ހުއްދައިގައިވާ ޝަރުތުތަކާ ހިލާފުވާ ބިދޭސީންނާ މެދު ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ!“ އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އިމިގްރޭޝަނުން މިހެން ބުނެފައިވާއިރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އަދި ހުއްދަނެތި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުަމށް އިމިގްރޭޝަނާއި ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދޭތެރެ ދޭތެރެއިން ބިދޭސީން ދިރިއުޅޭ އެކި ތަންތަނަށް ރެއިޑްކޮށް އެމީހުން މަސައްކަތްކުރާ ތަންތަން ބަލައި އެމީހުންގެ މައުލޫމާތު ސާފުކޮށްހަދަ އެވެ.


