ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ސެކްރެޓަރީ ޖެނެރަލްއެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.
އެޗްއާރްސީއެމްއިން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވާގޮތުން އެ ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަށެވެ.
ސެކްރެޓަރީ ޖެނެރަލަށް މުސާރައިގެ ގޮތުގައި މަހަކު 20,500 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15,000 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1,000 ރުފިޔާ ލިބޭނެ އެވެ.
މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެންބަރު 14 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފޯމް ހުށަހެޅުއްވުމަށް އެ ކޮމިޝަނުން އެދިފައިވެ އެވެ.
މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ، ހިއުމަން ރިސޯސަސް މެނޭޖްމަންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ފައިނޭންސް، އެކައުންޓިންގ، ނުވަތަ ޤާނޫނީ ނުވަތަ އިންސާނީ ހައްޤުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމެވެ. ނުވަތަ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމެވެ.
އެޗްއާރްސީއެމް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިހާރު އެކޮމިޝަންގައި ތިއްބަވަނީ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަފީގް މަހުމޫދު، ކޮމިޝަނަރ ޑރ. އައިޝަތު ރަމީލާ، ކޮމިޝަނަރ ސަމާއު އަހުމަދު ނަޖީބު، ކޮމިޝަނަރ އިސްމާއިލް ހަބީބް އަދި ކޮމިޝަނަރ އަހުމަދު މަޤުސޫމް އެވެ.



