ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑް ކުރުމަށް އަދި ދެންތިބި ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.
ހޯރަފުށި ކައުންސިލްގެ ރައީސް 3 މަސްދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއަށް ލިބިފައިވާ މައްސަލައެއް ބެލުމަށް ކަމަށް އެލްޖީއޭއިން އިއްޔެ ބުނެފައިވެ އެވެ.
ހޮރަފުށި ކައުންސިލާއި ގުޅޭގޮތުން އެލްޖީއޭއިން ބަލާފައިވަނީ، އެ ކައުންސިލުން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކޮރަޕްޝަނަށް މަގުފައިވާގޮތަށް 5000 އަކަފޫޓުގެ ބިމެއް ދީފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއާއި، ހޯރަފުށީ ކައުންސިލުން ލާމަރުކަޒީ ޤާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާ، އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންކަން ކުރަމުންދާކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާތަކާއެކު ޖުމްލަ 08 މައްސަލައެކެވެ.
އެ މައްސަލަތަކުގެ ތެރޭގައި ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަރަދުކޮށްފައިވާ މައްސަލައަކާއި، ލޭންޑް ޔޫޒްޑް ޕްލޭނާއި ޚިލާފަށް ރަށުގެ ގޯތިތަކާއި އިންވެގެން އޮންނަ ހުސް ބިންތައް އެ ގޯތިތަކަށް އިތުރުކޮށްދީފައިވާ މައްސަލައަކާއި، މާލިއްޔަތު ގަވާއިދާ ޚިލާފަށް 2023 ވަނަ އަހަރު ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލައިގެ އިތުރުން 1446 ވަނަ އަހަރު އަޟްހާ އީދު ފާހަގަ ކުރުމަށް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކޮށްފައިވާ މައްސަލަ ހިމެނެ އެވެ. މީގެއިތުރުން ހޯރަފުށީ ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމެޓީގައި ތިބޭކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ފޯރުކޮށް ނުދޭ މައްސަލަ އަދި 1446 ވަނަ އަހަރުގެ އަޟްޙާ އީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރިކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓްކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ޤާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާކަމާއި އަދި އެތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ ވެސް ހިމެނެ އެވެ.
އެލްޖީއޭއިން ބުނެފައިވަނީ ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި އެލްޖީއޭގެ އެންގުމަށް އަމަލުނުކުރަން ކައުންސިލުގެ ޖަލްސާއަކުން ނިންމާފައިވާކަން އެނގެން އޮންނަކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނަ ކަމަށްވެސް އެލްޖީއޭގެ ނިންމުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން އެލްޖީއޭއިން ކައުންސިލްގެ ރައީސް ތިން މަސްު ދުވަހަށް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރުމަށް ނިންމާ ކައުންސިލްގެ އެހެން މެންބަރުންނަށް ނަސޭހަތްތެރިވުމަށް ނިންމާފަ އެވެ.



