އާގިލް މަރާލި މައްސަލަ: ހަމްދޫން މެރުމަށް ހުކުމްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ / ކޮކާ، އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ދައުވާކުރި ލ. ފޮނަދޫ / ހިޔާ، ހަމްދޫން ހަމްޒަތު މެރުމަށް ހުކުމް ކޮށްފި އެވެ.

އާގިލް މަރާލި މައްސަލައިގައި ލ. ފޮނަދޫ / ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ / ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލި އެވެ. އަދި ހއ. ދިއްދޫ / ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލި އެވެ.

މީގެތެރެއިން އިބްރާހިމް ވިޝާމް އަދި އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ ހުކުމް ކޮށްފަ އެވެ.

ހަމްދޫން ހަމްޒަތުގެ މައްޗަށް ހުކުމް ކުރުމަށް ބޭއްވި އަޑުއެހުން އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ކުރިން ބޭއްވި އަޑުއެހުމެއްގައި، އިބްރާހިމް ވިޝާމް (ކ)، އަލީ މިޖުވާދު މާލިކު (މ)، ހަމްދޫން ހަމްޒަތު (ވ)

ހުކުމުގައި ބުނެފައިވަނީ، ސިއްރު ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގައި ހަމްދޫން ހަމްޒަތުގެ އަތުގައި ވަޅިއެއް އޮއްވާ ފެނިފައިވާ ކަމަށާއި، އަދި އެ ވަޅިން އާގިލްގެ މެއަށް ހަމަލާދިންތައް ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ. މިކަން އިތުރަށް ޔަގީންކޮށްދެނީ އޭޑީކޭ ހޮސްޕިޓަލްގެ މެޑިކޯ ލީގަލް ރިޕޯޓުންނާއި، ދައުލަތުން ހުށަހަޅާފައިވާ އާގިލްއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތަކާއި އެހެންވެސް ހެކިތަކުން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

މީގެއިތުރުން އެ ސަރަހައްދުގެ ސީސީޓީވީ ފުޓެޖްތަކާއި އެކަމާ ގުޅޭ ރިޕޯޓުތަކުން، ހާދިސާ ހިނގި ރޭ ހަމްދޫން ހަމްޒަތު އިތުރު މީހަކާއެކު އެމްއެމްއޭ ސަރަހައްދަށް ގޮސް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަކަމާއި، އާގިލްގެ ފަހަތުން ވަޅިއެއް ހިފައިގެން ހަމްދޫން ހަމްޒަތު ދުވެފައި ދާ މަންޒަރު ފެނިފައިވާކަމާމެދު ޝައްކު އުފެދޭނެ މަހައްލެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި ހަމަލާދީފައިވަނީ ސީދާ އާގިލްގެ މެއަށް ކަމަށްވާއިރު، މި ހަމަލާ އަމާޒު ކޮށްފައިވަނީ މަރާލުމުގެ ނިޔަތުގައި ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ހަމަލާ ދިނުމަށްފަހު އަވަހަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް މަސައްކަތް ކޮށްފައިވާކަން ހެކިވެރިޔާގެ ބަހުންނާއި ސީސީޓީވީ ފުޓެޖްތަކާއި އެއާ ގުޅޭ ރިޕޯޓަށް ބަލާއިރު އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ، އާޤިލްއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދިފައިވަނީ ހަމްދޫން ހަމްޒަރުކަމަށް އެއްވެސް ޝައްކެއް ޝުބުހައެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީ، އިސްލާމީ ޝަރީއަތުގައި ޤަތުލު އަމްދު ސާބިތުކޮށްދިނުމަށް ފުރިހަމަވާންޖެހޭ ތިން ރުކުން މި މައްސަލައިގައި ހަމްދޫނުު ހަމްޒަތުގެ އަމަލުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި މައްސަލައިގައި އާގިލްގެ ވާރިސުން ބުނެފައިވަނީ އާގިލްގެ ގާތިލުގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ހަމްދޫނުު ހަމްޒަތުގެ މައްޗަށް ސާބިތުވި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން، އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާއި ހިލާފު ނުވާނެ ގޮތެއްގެ މަތިން، ހަމްދޫން ހަމްޒަތުު މެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި ހުކުމް ކޮށްފަ އެވެ.

އާގިލްގެ މަރާގުޅިގެން ދައުވާކުރި އިބްރާހިމް ވިޝާމްގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤާސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ 2024 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ