ސްރީލަންކާއަށް ދިމާވި ތޫފާނުގެ ހާދިސާގައި އެހީއަށް އެދުމުން އެންމެ ފުރަތަމަ އިޖާބަދިން ގައުމަކީ ދިވެހިރާއްޖެ ކަމަށް ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ، ޕީއެސްއެމްއިން އިސްނަގައިގެން ރާޢްޖޭގެ މީޑިއާތަކާއި ގުޅިގެން ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯންގައި ވާހަކަ ދައްކަވަމުންނެވެ.
ސަފީރު ވިދާޅުވީ، ތޫފާން ދިތުވާގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، މި ގެއްލުންތައް ވަޒަންކޮށް ހާލުގައި ޖެހިފައިވާ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ދަނޑިވަޅުގައި ދިވެހިން ލަންކާއަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ސަފީރު ވަނީ ޝުކުރު އަދާކުރަށްވާފަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން މިކަމުގައި އިސްނަންގަވައި ދެއްވި އެހީތެރިކަން ލަންކާއިން ބަލައިގަންނަ ކަމަށެވެ.
”އަޅުގަނޑުމެންނަށް ތި ބަހައްޓަވާ ގާތްތަކަމާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށާއި މިކަން ކުރިއަށް ގެންދިއުމަށް ދެއްވާ އިރުޝާދަށް ޝުކުރު އަދާކުރަން.“
ސަފީރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ ލަންކާއަށް ދަތި އުނދަގޫތައް ކުރިމަތިލާންޖެހޭ ވަގުތުތަކުގައި އެންމެ އަވަހަށް ލަންކާއެކު އެއްބައިވަންތަކަން ހާމަކުރާ ޤައުމެވެ. އަދި މިފަހަރުވެސް އެންމެ އަވަހަށް އެހީގެ އަތް ދިއްކޮށްލި އެއްބަޔަކީ ދިވެހިން ކަމަށް ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވި އެވެ. މި އެހީތެރިކަމަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިލޯނާއެކު ދިވެހީން ޓެލެތޯއަށް މިހާތަނަށް ވަނީ ދެ މިލިއަން ރުފިޔާ ލިބިފަ އެވެ. ހަވީރު 4:30އާ ހަމައަށް؛
- ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 1.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ
- ޑޮލަރު އެކައުންޓަށް ވަނީ 37 ހާހަށްވުރެ ގިނަ ޑޮލަރު
ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމް އާއި އިތުރު 37 މީޑިއާއަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޓެލެތޯނު ނިމޭނީ މިރޭ 1:00 ގައެވެ. މި ޓެލެތޯނުގެ ފަންޑު ފޮށިތައް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާއިރު، ފައިސާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
- ދިވެހި ރުފިޔާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796107 އެކައުންޓަށް.
- ޑޮލަރު ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796106 އެކައުންޓަށް.
މީގެ އިތުރުން، ދިވެހި ސަރުކާރުން ވަނީ ސްރީ ލަންކާއަށް 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.
