ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕު ރޫޅާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ތަމްސީލުކުރާ ސިޔާސީ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލުމުގެ ކުރިން ދާއިރާ ރައްޔިތުންގެ ވޯޓެއް ނެގުމާ ގުޅޭގޮތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށްގެންގޮސްފަ އެވެ.
މި ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މަޖިލީހުގެ މެންބަރުން ޖުމުލަ ގޮތެއްގައި އިންތިޚާބުވަނީ އެކިއެކި ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ކަމަށެވެ. އެ މެންބަރަކު ހޮވުމަށް ސިޔާސީ ޕާޓީއަކުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އަދި އެއިރެއްގައި ސަރުކާރުގައި އޮންނަ ޕާޓީއަކަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދެނީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބޭނުމުގައިކަން ފަލާހު ފާހަގަ ކުރެއްވި އެވެ.
”އަޅުގަނޑުމެން މިތަނަށް ފޮނުވާއިރު އެއްވެސް ރައްޔިތަކު ވިދާޅުވެފައެއް ނޯވޭ، އަޅުގަނޑުމެން ޕާޓީން ވަކިވެ އަޅުގަނޑުމެން ބޭނުންގޮތަކަށް ކަންކަން ކުރާކަށެއް. އެހެންވީމަ އަޅުގަނޑުމެންވެސް މިތިބެނީ އެގޮތަށް.“
ފަލާހު ވިދާޅުވީ، 20 ވަނަ މަޖިލިސް ފެށުނީއްސުރެއް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕު ރޫޅާލުމަށް އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައިވެސް އޭރުގެ ސަރުކާރުގެ މެޖޯރިޓީއޮތް ޕާލިމެންޓަރީ ގްރޫޕުތައް ރޫޅާލެވުމަކީ ސަރުކާރަށް ބޮޑު ލޮޅުމެއް ގެނެވުނު ކަމެއްކަން ފަލާހު ފާހަގަކުރެއްވި އެވެ.
”20 ވަނަ މަޖިލިސް ފެށުނު ދުވަހުން ފެށިގެން އަޅުގަނޑުމެނަށް [ޕީއެންސީ ޕާލިމެންޓަރީ ގްރޫޕަށް] ސިޔާސީ ގޮތުން އެބަފެނޭ އަޅުގަނޑުމެންގެ ޕާލިމެންޓަރީ ގްރޫޕަށް ވަރަށް ބޮޑެތި ހަމަލާތަކެއް އަމާޒުކޮށްގެން ރޫޅާލުމަށްޓަކައި މަސައްކަތްކުރާތަން.“
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕު ރޫޅާލުމަށް އިދިކޮޅުން ”ބޮޑެތި ހަމަލާތަކެއް“ ދޭކަމަށް ފަލާހު ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދެއްވާފައެއްނުވެ އެވެ.
މީގެއިތުރުން ފަލާހުގެ ވާހައިގައިވަނީ މެންބަރަކު އޭނާ ތަމްސީލުކުރާ ސިޔާސީ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލުމުގެ ކުރިން ދާއިރާ ރައްޔިތުންގެ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުނުކުރައްވާކަންވެސް ހާމަކުރައްވާފަ އެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުން އެ ބައި އުނިކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
