ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް އަދި މަތީ ދަރަޖަ 33 ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފި އެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމާއި މަތީ ދަރަޖަ ހޯދި ބޭފުޅުންނަށް އިނާމު ދެއްވީ ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މިއަދު ލިބުނު 97 ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ކަމަށެވެ. ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ބޭފުޅުންނަށް ދޭ އިނާމެކެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކުރަން ދޭ އިނާމެކެވެ.
މަތީ ދަރަޖަ ދެއްވަނީ ރާއްޖެއަށް ރީތި ނަން ހޯދައިދީގެންނާއި މަސައްކަތްތެރިކަމާއި އިލްމީ ގޮތުން އެކި ކާމިޔާބުތައް ހޯދާފައިވާ ބޭފުޅުންނަށެވެ.
ރައީސް އޮފީހުން ބުނީ މަތީ ދަރަޖައިގެ އިނާމަށް 90 ބޭފުޅަކު މި ފަހަރު ފޯމު ހުށަހެޅި ކަމަށާއި އޭގެ ތެރެއިން އެ އިނާމު ދިނުމަށް ޝަރުތު ހަމަވީ 33 ބޭފުޅަކަށް ކަމަށެވެ.
އެއީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކުރެއްވި 8 ބޭފުޅަކަށާއި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ ލެވަލް 8 ގެ ނުވަތަ ލެވަލް 9 ގެ ސަނަދެއް ހާސިލް ކުރުމުގައި އެންމެ މަތީ ވަނަ ހޯދައިގެން 23 ބޭފުޅަކެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ ބައިނަލްއަގުވާމީ އެ ނޫން ވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލްކުރެއްވި ދެ ބޭފުޅެކެވެ.
މަތީ ދަރަޖައިގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަސް
