ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އައްޑޫ އަތޮޅު މީދޫ މޫސާ އަންވަރަށް އަރުވައި، އިގްތިސާދު ކުރިއަރުވައި ތަރައްގީ ކުރުމުގެ ރޮނގުންނާއި ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
މި ދެބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު އަރުވާފައިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އެވެ.

ސިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އެރުވި މޫސާ އަންވަރު ވަނީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފަ އެވެ. އޭނާ ސިއްހީ ދާއިރާއަށް ހިދުމަތްކުރައްވަން ފެއްޓެވީ އުމުރުން 16 އަހަރުގައި އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު، ގަމުގައި ހުންނަ ރޯޔަލް އެއަރފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގަ އެވެ.
އޭގެފަހު 1977 ވަނަ އަހަރު މާލެއަށް ބަދަލުވެ، އޭރުގެ އެލައިޑް ހެލްތު ސަރވިސް ސެންޓަރުގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެވެ. އެ މުއްދަތުގެ ތެރޭގައި ނަރުހުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި، ފެމިލީ ހެލްތު ވޯކަރުން ތަމްރީންކުރައްވާ، އޭރު ޚިދުމަތުގައި ތިއްބެވި ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވުމުގައި މުހިއްމު މަސައްކަތްތަކެއް އޭނާ ވަނީ ކޮށްދެއްވާފަ އެވެ. އޭގެފަހުން މިނިސްޓްރީ އޮފް ހެލްތުގެ މަޤާމުތަކުގައިވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފަ އެވެ.

މީގެއިތުރުން، ނިޝާން މުލީގެ ޝަރަފު އެރުވި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން މުހައްމަދު ސޯލިހަށް، ރައީސުލްޖުމްހޫރިއްޔާ މި ޝަރަފު އަރުވަން ނިންމެވީ އޭނާއަކީ ރާއްޖޭގެ ވިޔަފާރި ތަރައްގީ ކުރުމުގެ ރޮނގުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އެވެ. މުހައްމަދު ސޯލިހަކީ ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދު ކުރިއަރުވައި ފުޅާ ކުރުމުގެ އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ.
ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަންގެ މަގާމުގައި ހުންނެވުމުގެ ކުރިންވެސް، އޭނާ ވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ތަރައްގީ ކުރުމުގެ ރޮނގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާ، ވިޔަފާރީގެ އާ ދޮރުތައް ހުޅުއްވައިދެއްވައިފަ އެވެ.
ސޯލިހުގެ ހަޔާތުގެ ބިންގާ އާރާސްތު ކުރަން ފެއްޓެވީ އިނގިރޭސީންގެ ރޯޔަލް އެއާފޯސްގެ ތެރެއިންނެވެ. އައްޑޫ އަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ހުޅުދޫއަށް ޒިޔާރަތް ކުރާ އިނގިރޭސީންނާއި ސޯލިހާ ދެމެދު ވަރަށް ގާތް ގުޅުމެއް ގާއިމު ކުރެވުނެވެ.
ގަމަށް ވަޑައިގެން ގަމުގެ ބްރިޓިޝް ރޯޔަލް އެއާފޯސްގައި ވޮކޭޝަނަލް ޓްރެއިނިންގްގެ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރެއްވުމަށްފަހު، އުމުރުފުޅުން 17 އަހަރުގައި ސޯލިހު ރޯޔަލް އެއާފޯސްގައި ހިދުމަތުގެ ދާއިރާއަށް ނިކުމެ ވަޑައިގެންނެވި އެވެ. 1961 އިން ފެށިގެން 15 ވަރަކަށް އަހަރު އެމަނިކުފާނު ވަނީ އިނގިރޭސި ރޯޔަލް އެއާފޯސްގައި ހިދުމަތް ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަސް
