ރީތި ބޮޑު ޓާމިނަލާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

Advertisement

އެންމެ ފަސް

Advertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ރަސްމީކޮށް ހުޅުވައިފި އެވެ.

ރީތި ޑިޒައިނަކަށް ހަދާފައިވާ ބޮޑު ޓާމިނަލަކާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ދެކަނބަލުންނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ކެބިނެޓުގެ ގިނަ މިނިސްޓަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެއާޕޯޓު ހުޅުވުމުގެ ގޮތުން ހަވާއެރުވުމާއެކު ލައިޓް ޝޯއެއްވެސް ދީފައިވެ އެވެ.

އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫ އެވެ. މި މަޝްރޫގެ ދަށުން 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ އާ ޓާމިނަލެއް އަދި އާ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ތަރައްގީކޮށްފައިވެ އެވެ. މީގެ އިތުރުން ކާގޯ އިމާރާތަކާއި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސްކޮށްފައިވެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫޢު:

  • މަޝްރޫޢުގެ އަގަކީ 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ)
  • މަޝްރޫޢު ހިންގަނީ އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން.
  • 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް މި މަޝްރޫޢުގައި ހިމެނެ.
  • އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ.
  • ޓާމިނަލް ތަރައްޤީކުރަނީ އޭރޯ ބްރިޖަކާ އެކުގައި.
  • މި އެއާޕޯޓް ބޭނުންކުރެވޭނީ A320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް.

އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ މި މަޝްރޫ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. މި މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަމަޖެހުނެވެ.

ހދ. ހަނިމާދޫ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ