ހަނިމާދޫ އެއާޕޯޓްގެ ސަބަބުން އުތުރުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރާނެ: އިންޑިއާ

Advertisement

އެންމެ ފަސް

Advertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަބަބުން އުތުރުގެ ފަތުރުވެރިކަން ފުޅާވެ، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕޫ ރާމް މޯހަން ނައިޑު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަމައެކަނި ތަރައްގީގެ މަޝްރޫއެއް ނޫން ކަމަށާއި އެއީ އިންޑިއާއާއި ރާއްޖޭގެ ވަރުގަދަ ގުޅުން ރަމުޒުކޮށްދޭ މަސައްކަތެއް ކަމަށެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ގާތްގުޅުމެއްކަން ފާހަގަކުރައްވާ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނައިޑު ވިދާޅުވީ ދެ ގައުމުގެ ގާތްގުޅުން ބިނާވެގެން ވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ކުރިއެރުމަށް ގުޅިގެން ކުރެވޭ މަސައްކަތުގެ މައްޗަށް ކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތަކަކީ ދެ ގައުމުގެ ގުޅުމުގެ މުހިންމު ތަނބަކަށް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދެވެންހުރި ހުރިހާ ދާއިރާއަކުން އަދި އިގްތިސާދީ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމި އޮންނާނެ ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ވިދާޅުވި އެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އިންޑިއާގެ އެހީތެރިކަމުގައި ކުރިއަށްގެންދެވިފައިވާ ވަރަށް ފާހަގަކުރެވޭ ޕްރޮޖެކްޓެއްކަންވެސް ފާހަގަކުރެއްވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރެއްގެ މައްޗަށް 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ގޮތަށް ތަރައްގީ ކުރެވިފައިވާ އެއާޕޯޓެއްކަން ފާހަގަކުރައްވާ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނައިޑު ވިދާޅުވީ މިކަމަކީ މިސަރަހައްދުގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ އިތުބާރު އިތުރުވެގެންދާނެ ކަމަށާއި އަދި މި އެއާޕޯޓްގެ ސަބަބުން އުތުރުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީވެގެންދާނެ ކަމަށެވެ. އަދި މި އެއާޕޯޓް ވެގެންދާނީ އުތުރުގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށްވެސް މަގުފަހިކޮށްދޭ އެއާޕޯޓަކަށް ކަމަށް ނައިޑު ވިދާޅުވި އެވެ.

މީގެއިތުރުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖަކީ އިންޑިޔާއާއި ރާއްޖޭގެ ވަރުގަދަ ގުޅުން ރަމްޒު ކޮށްދޭ މަސައްކަތެއް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާތަން ފެންނަކީ އުފާކުރާ ކަމެއް ކަމަށް ނައިޑު ވިދާޅުވި އެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތާއި މިފްކޯގެ އެކްސްޕޭންޝަން މަސައްކަތް ވީހާވެސް އަަވަހަށް ނިންމުމަކީ އުންމީދުކުރާ ކަމެއްކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނައިޑު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓްގެ ގާއިމުކުރުމުގެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އިންވެސްޓްމެންޓް ޓްރީޓީގެ މަސައްކަތްވެސް ވީހާވެސް އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރާއްޖެ - އިންޑިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ