ސަރުކާރުން މަޝްރޫއުތައް ހަވާލުކުރި ކޮންޓްރެކްޓަރުންނަށް އުސޫލާއި ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ދެކެވެމުންދާ ވާހަކަތައް ރަސްމީކޮށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފި އެވެ.
ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ރާއްޖެ އެކި ކަންކޮޅުގައި 206 މަޝްރޫއެއް ކުރިއަށްގެންދިއުމަށް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފަ އެވެ. ހަވާލުކުރި ޖުމްލަ ޕްރޮޖެކްޓުތަކުގެ އަގު 2.7 ބިލިއަންއަށް އަރަ އެވެ. އެއާއެކު އެ މަޝްރޫއުތަކަށް ފައިނޭންސްކުރަނީ ބީއެމްއެލްގެ ތެރެއިންކަމަށް ބުނެ، ބޭންކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން ލޯނު ދޫކުރަނީ ބޭންކްގެ އުސޫލުތަކާއި ހިލާފަށް، ބޯޑުގެ ހުއްދެއް ނެތިކަމަށް ބުނެ އެވެ.
އެ ވާހަކަތަކަށް ރައްދުދީ ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެކު ކަމަށާއި، ބީއެމްއެލް އިން ދަނީ ކޯޕަރޭޓް ގަވަރނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތައް ހިފަހައްޓަމުން ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ
- ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ:
- ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށެވެ.
- އެމް.އެމް.އޭ އިން ކަނޑައަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑްތަކުގެ މަތީންނެވެ.
- ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑަރޑްތަކަށް ބިނާކޮށެވެ.
- ބައިނަލްއަގުވާމީ އޮޑިޓް ފަރމްތަކުން ދަނީ ގަވައިދުން ބޭންކު އޮޑިޓް ކުރަމުންނެވެ.
- މި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވެއެވެ.
ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކުން ލޯނު ދޫކުރަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާ އެއްގޮތަށެވެ. އަދި ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ. ލޯނު ދިނުމުގައި ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރ އަށް ބަލާނެކަން ފާހަގަކޮށް ބީއެމްއެލް އިން ބުނި ގޮތުގައި ކޮންމެ ހާލަތެއްގައި ވެސް ލޯނު ދޫކުރާނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށް ކަމަށެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ، ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެއެވެ. ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބޭންކުން ވަރަށް ބޮޑަށް ބަލާނެކަމަށް ބޭންކުން ބުންޏެވެ.
މީގެ އިތުރުން، އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅުއްވާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި، ސަރުކާރުން ގެރަންޓީދީގެން ދޫކުރާ ލޯނުތަކުގެ މިންވަރު، އަދި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ދޫކުރެވޭނެ ލޯނުތަކުގެ މިންވަރު ހިމެނެއެވެ.
ބީއެމްއެލް އިން ބުނީ، ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރެއް ނޯންނަ ކަމަށެވެ. އެކަން މިހާރު ހިންގަމުން އަންނަނީ ވެސް އަދި ކުރިއަށް އޮތް ތަނުގައި ހިންގާނީ ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ އޫސުލުތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް އެ ތަނުން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި އަހަރު ތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން އަމިއްލަ ކުންފުނިތަކާއި ހަވާލުކުރި 206 މަޝްްރޫއުގެ ތެރޭގައި ހިމެނެނީ ޖުމްލަ 9 ދާއިރާއެއްގެ މަޝްރޫއުތަކެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 53 ކުންފުންޏަކާ އެވެ.
ސަރުކާރުން އަމިއްލަ ކުންފުނިތަކާއި ހަވާލުކުރި 206 މަޝްރޫއު:
- މި މަޝްރޫޢުތަކުގެ ޖުމްލަ އަގު ހުރީ 2.7 ބިލިއަން ރުފިޔާ އަށް.
- މަޝްރޫޢުތައް ހަވާލުކުރީ 53 ކުންފުންޏަކާ.
- އެންމެ ގިނަ މަޝްރޫޢު ހަވާލުކޮށްފައިވަނީ ކުޅިވަރުގެ ދާއިރާއިން، އެއީ 52 މަޝްރޫއު.
- އެންމެ ގިނަ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ކާކްލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ، އެއީ 11 މަޝްރޫއު.
އެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ސަރުކާރުން މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެކަމަށާއި، މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށެވެ.
ރައީސް ވިދާޅުވީ، އާންމު ފަރުދުންނަށް [ކުންފުނިތަކަށް] މިފަދަ މަޝްރޫޢުތައް ލިބިގެންދިޔުމުން، އެ މަޝްރޫޢުތަކުގެ ތެރެއިން އަންނަ ޗޭންތަކުގެ ސަބަބުން އެތައް ބަޔަކަށް ފައިދާވާނެ ކަމަށެވެ. މީގެ ސަބަބުން މުޅި އިޤްތިޞާދު ވަރަށް ބިޒީވެ، ޕްރޮޑަކްޓިވިޓީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
