މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މާލޭ ބަނދަރުގެ ބޭރުން މުދާ ބަރުކުރަނިކޮށް ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވަން އިނީ ލައިސެންސް ނެތް މީހެއް ކަމަށާއި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އުސޫލު މުރާޖާކޮށް އިސްލާހުކޮށްފައިވާކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
އެމްޕީއެލްއިން މިހެން ބުނެފައިވަނީ ”އެމް.ވީ ސެލެސްޓިއާ“ ބޯޓުން ލޭންޑިންގ ކްރާފްޓަކަށް މުދާ ބަރުކުރުމުގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާގައި އެ ކުންފުނީގެ ދެ މުވައްޒަފެއް ނިޔާވުމާ ގުޅިގެން، އެމްޕީއެލްއިން ހިންގި އެތެރޭގެ ތަހުގީގުގެ ހޯދުންތައް ހާމަކޮށް، ކުރިއަށް އަޅާނެ ފިޔަވަޅުތައް އިއުލާނުކޮށް ނެރުނު ބަޔާނުގަ އެވެ.
ނޮވެންބަރު 2، 2025 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލާފައިވާއިރު، މި ތަހުގީގުން ވަނީ ހާދިސާ ހިނގި ގޮތާއި، މިހާތަނަށް ފާހަގަކުރެވުނު މައްސަލަތައް ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅާފަ އެވެ.
އެމްޕީއެލްގެ ހޯދުންތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، މި އޮޕަރޭޝަންގައި 02 އެކްސްކަވޭޓަރ އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަމެވެ. ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ވެސް ނެތްކަން ތަހުގީގަށް ވަނީ ހާމަވެފަ އެވެ.
އިތުރަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ޤަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މުދާ ކަހާލުމުގެ ފުރުސަތު އޮތްކަން ފާހަގަވެފައިވެ އެވެ. އަދި މިއީ ލޭންޑިންގ ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން ވެސް ތަހުގީގުން ވަނީ އެނގިފަ އެވެ. ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ އޮންނަނީ އުޅަނދުގެ ކެޕްޓަންގެ ބޮލުގައި ކަމަށް ވީ ހިނދު، އެ ފަރާތުން ދިން އިރުޝާދާ އެއްގޮތަށް އެކްސްކަވޭޓަރުތައް ބެހެއްޓުމަށްފަހު، ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލިކަމަށް އެމްޕީއެލްއިން ބުނެ އެވެ.
އެމްޕީއެލްއިން ބުނީ މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިންގ ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބަކީ އެއީކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. އެމްޕީއެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބެން ޖެހުނީ މަސައްކަތް ނިންމާލުމަށްފަހު، މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިންގ ކްރާފްޓް ގިރާކޮށްފައި ކަމުގައިވުމުންނެވެ.
މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި ކޮންސައިނީ (މުދާ ގެންނަ ފަރާތުން) މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކްކުރުން ފަދަ ކަންތައްތަކަކީ ކުރިން އެމްޕީއެލްއިން އަމަލުކުރަމުންދާ ޤަވާއިދުތަކާއި ޢުސޫލުގެ ތެރެއިން ބަލަންޖެހޭ ކަމެއް ނޫންކަމަށް އެމްޕީއެލްއިން ބުނެ އެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން މި ޢުސޫލު މުރާޖާކޮށް، މިހާރު ވަނީ ބަދަލުކުރެވިފަ އެވެ.
އެމްޕީއެލްގެ އެތެރޭގެ ތަހުޤީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން މިހާރު ދަނީ ތަންފީޒުކުރަމުންނެވެ. އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކުރުމާއި ޙާއްސަ އޮަޕަރޭޝަންސްތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރުން ހިމެނެ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ބައެއް މީޑިއާތަކުން އާންމުކޮށްފައިވާ ޚަބަރުތަކުގައި، މި ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންނާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ހަޤީގަތާއި ހިލާފު މަޢުލޫމާތު ފޯރުކޮށްދީފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. މި ކުންފުނީގެ އިލްތިމާސަކީ މިފަދަ ހައްސާސީ ދަނޑިވަޅުތަކުގައި، މިފަދަ މަޢުލޫމާތު އާންމުކުރުމުގައި ހަޤީގަތާއި އެއްގޮތަށް ހަބަރު ފެތުރުމެވެ.
މި ހާދިސާ ހިނގި ފަހުންވެސް، އެމް.ޕީ.އެލްއިން ވަނީ ”އެމްވީ ސެލެސްޓިއާ“ގައި ބާކީ ހުރި ދެ އެކްސްކަވޭޓަރ ބޭލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. މި އޮޕަރޭޝަންސް އެމް.ޕީ.އެލް އިން ކުރިއަށް ގެންދިޔައީ ޚާއްސަ އޮަޕަރޭޝަންސްތައް ކުރިއަށް ގެންދިއުމުގައި މި ވަގުތުން ވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ސަލާމަތާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކާއެކުއެވެ. މި ކުންފުނިން އަބަދުވެސް އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެނީ ބަނދަރުގައި މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތްތެރީންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކޮށްފައިވާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް އެހީތެރިކަން މި ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ.
