މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ގަވާއިދުތަކާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށްފައި އުކައިލާ ތެޔޮ ވިއްކުމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝް ފަސް ބިދޭސީން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނި ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދަނިކޮށެވެ. މި އޮޕަރޭޝަންގައި ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު، ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވެއެވެ. މިކަމަކީ އެމްއެފްޑީއޭގެ އުސޫލުތަކާ ހިލާފު ކަމެކެވެ.

ފުރަތަމަ ފަސް މީހަކު ހައްޔަރުކުރި ނަމަވެސް، އޭގެތެރެއިން އެކަކު ވަނީ ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައެވެ. މި މައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ. އެއީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) އެވެ. ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.
ފުލުހުން ބުނީ ބޭނުންކޮށްފައިވާ ތެޔޮ ނުރައްކާތެރި ގޮތެއްގައި ބޭނުންކުރުމަކީ ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް ނޭދެވޭ އަސަރުތައް ފޯރުވާ ކަމެކެވެ.
