އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވެއްދި ފުލުހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފުނަގެ ކޮންސްޓަބަލް މުހައްމަދު ނައުފް ނަސީމް، (25އ) އެވެ.
އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖެހުމަށްފަހު، އެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.
ފުލުހުން މިއަދު ބުނީ، މި އޮޕަރޭޝަން ހިންގާފައި ވަނީ ސެޕްޓެމްބަރު 4، ގައި ނައުފް ކަސްޓޯޑިއަލްއަށް މަނާތަކެތި ވައްދާ ކަމަށް މައުލޫމާތު ލިބިގެން ކަމަށެވެ. އެ ރޭ އޭނާ ހިފަހައްޓައި ބަލައިފާސްކުރުމުން އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާ އޮކްޓޯބަރު 13، ގައި ނައުފް ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ނައުފް ވަނީ މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ.
