ބިން ހިއްކުމާއި އިމާރާތްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 3.8 ބިލިއަން ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

ބިން ހިއްކުމާއި އިމާރާތްކުރުމަށް އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި 3.8 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

އައްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ބިން ހިއްކުމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް 3.8 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެ ތެރެއިން ސީދާ ބިން ހިއްކުމަށާއި ބިން ގަތުމަށް ހިމަނާފައިވަނީ 277 މިލިއަން ރުފިޔާ އެވެ.

ބިން ހިއްކުމާއި އިމާރާތް ކުރުމަށް ހުށަހެޅި 3.8 ބިލިއަން ރުފިޔާގެ ތެރެއިން މީހުން ދިރިއުޅެން އަޅާ އިމާރާތްތަކަށް ހަރަދު ކުރަން ހިމަނާފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން އާންމު ބޭނުންތަކަށް އަޅާ އިމާރާތްތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދު ކުރަން ހިމަނާފައިވެ އެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ކަނޑައަޅާފައިވާ 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 4.5 ބިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވަނީ އިންފްރާސްޓްރަކްޗާގެ މަޝްރޫތަކަށެވެ.

ޕީއެސްއައިޕީގެ މަޝްރޫތަކަށް ބަލާއިރު އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް 1.08 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ދޮށީ އުމުރުގެ މީހުންނަށް ބޯހިޔާވަހިކަމާއި އަޅާލުމާއި އެހީތެރިކަން ދިނުމަށް 37.6 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މީގެ އިތުރުން އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދުގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭއިން އެންމެ ބޮޑު ހަރަދެއް ކުރުމަށް ހުށަހަޅާފައިވަނީ ދަތުރުފަތުރުގެ ބިނާރީ ތަރައްގީ ކުރުމަށެވެ. އެގޮތުން އެއާޕޯޓްތަކާއި އޭވިއޭޝަންތަކަށް 540.7 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ބްރިޖްތަކާއި ޓަނަލްތަކަށް 798.7 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ބަނދަރުތަކަށް 393.6 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މަގުތަކާއި ހައިވޭތަކަށް 556 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.

ބަޖެޓް 2026 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ