ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރުން ފެށިގެން ޖޫން މަހުގެ ނިޔަލަށް: ފިޝަރީޒް މިނިސްޓްރީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް އެންމެ ގިނައިން ލައިސެންސް ދެވޭނީ 40 އުޅަނދަށް ކަމަށާއި، މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ގަވާއިދާއި މެނޭޖްމެންޓް ޕްލޭން ގެ މަގުސަދަކީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި، ހިންގުމުގެ ނިޒާމެއް ޤާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ކަށިމިޔަރުގެ މަސްވެރިކަން ބެލެހެއްޓުން ކަމަށެވެ. އަދި މިކަމާއި ގުޅޭ ޕްލޭން އެކުލަވައިލައިފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމާއި އެ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާ ގުޅޭގޮތުން މިވަގުތު ލިބެން ހުރި މައުލޫމާތަށް ބިނާކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތައް ލައިސަންސްކުރުމުގެ އިތުރުން، އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސަލް ލޮކޭޓިންގ ޑިވައިސް އެއް ހަރުކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

މީގެއިތުރުން މަސްވެރިކަމުގެ ލައިސަންސް އެންމެ ގިނައިން ދޫކުރެވޭނީ 40 އުޅަނދަށް ކަމަށާއި މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގައި ކަމަށް މި ގަވައިދުގައި ކަނޑައަޅާފައިވެ އެވެ. އަދި ގަވާއިދުގެ ދަށުން ފިޝަރީޒް މިނިސްޓްރީން އެހެން ގޮތަކަށް އަންގަންދެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

މި ގަވާއިދު އެކުލަވާލުމުގައި ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރި އިރު ލިބިފައި ހުރި ތަޖުރިބާއަށާއި ކަމާގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މަސްވެރިންނާއި، ކަމާ ގުޅޭ އިދާރާތަކާއި، ބައެއް ޖަމިއްޔާތަކާއި ކަމާ ބެހޭ މާހިރުންނާ މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން މައުލުމާތުދީފައިވެ އެވެ.

މީގެ އިތުރުން ފަރުތަކާއި ފަޅުތެރޭގައި އާންމުކޮށް އުޅޭ މިޔަރާއި ފަރުގެ އުފެއްދުންތެރިކަމުގައި މުޙިއްމު ދައުރެއް އަދާ ކުރާ އެހެނިހެން ބާވަތްތައް މި މަސްވެރިކަމުގައި ހިފޭ މިންވަރު މަދުކޮށް އެބާވަތްތަކަށް ލިބިދާނެ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައި ވެސް ފިޔަވަޅުތައް ވެސް ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ