ދުނިޔޭގައި އެންމެ ފަހުން އަޅުން ގެންގުޅުނު ބޮޑެތި ގައުމުތަކުން އަޅުވެތިކަން ނައްތާލިތާ 200 އަހަރުވާން މިވަނީ ކައިރިވެފަ އެވެ. މިހާރު އަޅުން ގެންގުޅުމަކީ މަނާކަމަކަށް ވާއިރު މިއަދަކީ އދ. އިން ފާހަގަ ކުރާ އަޅުވެތިކަން ނައްތާލުމުގެ ބައިނަލްއަގުވާމީ ދުވަހެވެ.
އަޅުވެތިކަން ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަމުންދާއިރު ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އދ. އިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ އަޅުވެތިކަމުގެ ވައްތަރުތައް އިތުރުވަމުންދާކަމަށް އދ. އިން ވަނީ އިންޒާރު ދީފަ އެވެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ އަޅުވެތިކަމުގައި 50 މިލިއަނެއްހާ މީހުން އުޅެމުންދާކަމަށް އދ. ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެތެރޭގައި މަޖުބޫރުން މަސައްކަތް ކުރުވަމުން ދިޔުމާއި، އިންސާނުން ޓްރެފިކްކުރުމާއި، އަދި މަޖުބޫރުން ކައިވެނި ކުރުން ފަދަ ކަންކަން ހިމެނެ އެވެ. ސަގާފީ އަޅުވެތިކަން ނައްތާލެވިފައިވީނަމަވެސް، ޒަމާނީ އަޅުވެތިކަމުގެ އާ ވައްތަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށާއި ފަޤީރުކަމާއި، ތަފާތުކުރުންތަކާއި، ޤާނޫނު ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން މިކަންކަން އިތުރުވަމުންދާކަމަށް އދ. އިން ބުނެ އެވެ.
ޒަމާނީ އަޅުވެތިކަމުގެ ބިރު މުޅި ދުނިޔޭގައި
އދ. ގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކާގޮތުގައި، ޒަމާނީ އަޅުވެތިކަމުގައި 50 މިލިއަނެއްގާ މީހުން އަންނަނީ އުޅެމުންނެވެ. އޭގެތެރެއިން 28 މިލިއަން މީހުންނަކީ މަޖުބޫރުން މަސައްކަތް ކުރުވުން ނުވަތަ ފޯސްޑް ލޭބާގެ ޝިކާރައަށްވެފައިވާ މީހުންނެވެ. އަދި 22 މިލިއަނެއްހާ މީހުންނަކީ މަޖުބޫރުން އެމީހުންގެ ނުރުހުމުގައި ކައިވެނި ކުރަން ޖެހިފައިވާ މީހުންނެވެ. މަޖުބޫރުން މަސައްކަތް ކުރަން ޖެހިފައިވާ މީހުންގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ނުވަތަ ވަޒީފާ ހޯދުމަށް އެހެން ގައުމަކަށްދާ މީހުން ގިނަ އެވެ.
މަކަރާއި ހީލަތުން ވަޒީފާއަށް ނަގާ، އެމީހުން އަތުން ފައިސާ އަތުލާ ދަރަނިވެރިކޮށް، އެމީހުން ލައްވާ މަސައްކަތް ކުރުވުމާއި ޤާނޫނީ ރައްކާތެރިކަމެއް ނެތުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއްބަޔަކީ އެފަދަ ފަރާތްތަކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން މަޖުބޫރުން މަސައްކަތް ކުރާ މީހުން ރިކޯޑް ކުރެވިފައިވަނީ އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކުގަ އެވެ. އަދި އެންމެ ގިނައިން މަޖުބޫރު ކައިވެނީގެ ޝިކާރައަށްވެފައިވާ މީހުންވެސް ރިކޯޑް ކުރެވިފައިވަނީ މި ސަރަހައްދުތަކުގެ ގައުމުތަކުންނެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާ އެވެ.
އިންޑިއާ އާއި ޗައިނާ އަކީ މަޖުބޫރުން މަސައްކަތް ކުރަމުންދާ މީހުން އެންމެ ގިނައިން ރިކޯޑް ކުރެވިފައިވާ ދެ ގައުމެވެ. އަދި އިންޑިއާ އަކީ އެ މިހުންގެ އާދަކާދައާއި ސަގާފަތުގެ ސަބަބުން މަޖުބޫރު ކައިވެނީގެ ނިސްބަތްވެސް ގިނަ ގައުމެކެވެ. ދެކުނު އޭޝިޔާއަކީ އިންސާނީ ވަގުފާރިއަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެވެ. ވަޒީފާގެ ފުރުޞަތުތައް ލިބޭނެކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުން ރެކްރޫޓްކޮށް އިންސާނީ ވަގުފާރި ކުރާ މައްސަލަތައް މި ސަރަހައްދުން ގިނަ އަދަދަކަށް ރިކޯޑް ކުރެވިފައިވެ އެވެ.
ދިވެހިރާއްޖެ: ފޮރުވިފައިވާ ނުރައްކާތައް
ދިވެހިރާއްޖޭގައި ސަގާފީ އަޅުވެތިކަމުގެ ނިޒާމެއް ނެތް ނަމަވެސް، މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުން ވަނީ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި މަޖުބޫރުން މަސައްކަތް ކުރުވުން ނުވަތަ ފޯސްޑް ލޭބާގެ ނިޝާންތައް ފެންނަކަން ފާހަގަކޮށްފަ އެވެ. ޚާއްޞަކޮށް ބަންގްލަދޭޝް، އިންޑިއާ، އަދި ނޭޕާލްގެ މަސައްކަތްތެރިންނަށް ދިމާވާ މައްސަލަތައް އެ ފަރާތްތަކުން ފާހަގަކުރެ އެވެ. އާންމުކޮށް ހުށަހެޅޭ ޝަކުވާތަކުގެ ތެރޭގައި ޕާސްޕޯޓް ހިފެހެއްޓުން، މުސާރަ ނުދިނުން ނުވަތަ މަދުކޮށް ދިނުން، ދަރަނިވެރިކުރުވުމަށް މަގުފަހިވާ މިންވަރަށް ބޮޑެތި ރެކްރޫޓްމަންޓް ފީ ނެގުން، ދިރިއުޅޭ ތަންތަން ތޮއްޖެހިފައިވުމާއި ރައްކާތެރިކަން ނެތުން، އަދި ވަޒީފާދޭ ފަރާތްތަކުން އެމީހުންގެ ދަތުރުފަތުރު ކޮންޓްރޯލްކުރުން ނުވަތަ ޑީޕޯޓްކޮށްލާނެކަމުގެ ބިރުދެއްކުން ހިމެނެ އެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާގޮތުގައި، ޚާއްޞަކޮށް މަސައްކަތްތެރިންނަށް އަނިޔާވެރި ވަޒީފާދޭ ފަރާތްތަކުގެ ކިބައިން ދުރަށް ދެވޭނެ ގޮތެއް ނެތްނަމަ، މިފަދަ ޢަމަލުތައް ޒަމާނީ އަޅުވެތިކަމާ އެއްފަދަ ވެދާނެ އެވެ.

މަސައްކަތްތެރިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތަކުން ބުނެފައިވާ ގޮތުގައި އެތައް ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންގެ ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅި، ބިރުވެރިކަމުގެ ތެރޭގައި މަސައްކަތްކުރަން ވަނީ މަޖުބޫރުވެފަ އެވެ. މިކަމުގެ ނުރައްކާ ބޮޑުވަނީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތާއި، އުމްރާނީ މަސައްކަތުގެ ތެރޭގަ އެވެ.
ސަރުކާރުގެ ފިޔަވަޅުތަކާއި ގޮންޖެހުންތައް
ސަރުކާރުން ވަނީ ޤަވާއިދާ ޚިލާފަށް މީހުން ރެކްރޫޓްކުރުން ހުއްޓުވުމަށްޓަކައި އިންސްޕެކްޝަންގެ މަސައްކަތްތައް ވަރުގަދަކޮށް، ޑިޖިޓަލް ނިޒާމުތައް ތަޢާރަފްކޮށްފަ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި، މޮނިޓަރިންގ ރަނގަޅުކުރުމާއި، ޕާސްޕޯޓް ހިފެހެއްޓުމަށްފަހު ވަޒީފާދޭ ފަރާތްތަކަށް އަދަބު ދިނުމާއި، ބިދޭސީ މަސައްކަތްތެރިންނަށް ރިޕޯޓްކުރުމަށް ރައްކާތެރި މަގުތައް ފަހިކޮށްދިނުމުގެ މަސައްކަތް ދަީ ކުރަމުންނެވެ. ޒަމާނީ އަޅުވެތިކަން ނައްތާލުމަށްޓަކައި ޤާނޫނުތައް ވަރުގަދަކޮށް، މިކަމުގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދީ، ރެކްރޫޓްމަންޓް ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް އދ. އިން ވަނީ ބާރުއަޅާފަ އެވެ. ނަމަވެސް އަދިވެސް ރާއްޖެއަށް ވަނީ މި މައްސަލަތަކަށް ސީދާ ހައްލެއް ގެނެވޭނެ މަގެއް ނުފެނިފަ އެވެ. ވަޒީފާދޭ ފަރާތްތަކުން މަސައްކަތްތެރިންނަށް ބޭނުން ގޮތެއް ހެދިޔަސް އެމީހުންނަށް އަދަބު ދެވޭތަނެއް ނުފެނެ އެވެ. އަދި މިފަދަ ކަންކަން ތަހައްމަލު ކުރާ ފަރާތްތަކަށް އިންސާފެއް ލިބޭތަނެއްވެސް ނުފެނެ އެވެ.
ޒަމާނީ އަޅުވެތިކަން ނައްތާލުމަށް ކުރަންޖެހޭ ކަންކަން
ދިވެހިރާއްޖެއަށް ބަލާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ޖެހެ އެވެ. އެގޮތުން:
- މަސައްކަތްތެރިން ދައްކަންޖެހޭ ރެކްރޫޓްމަންޓް ފީ މުޅިން ނައްތާލުން
- ލޭބަރ ކުއާޓަރތައް ބެލެހެއްޓުމުގެ އުސޫލުތައް ހަރުދަނާކޮށް ގަވައިދުން އިންސްޕެކްޓް ކުރުން
- މަސައްކަތްތެރިންނަށް ބިރެއްނެތި އެމީހުންނަށް ލިބޭ އަނިޔާތައް ރިޕޯޓްކުރެވޭނެ ގޮތް ހެދުން
- ބިދޭސީ މަސައްކަތްތެރިންނަށް ޤާނޫނީ ރައްކާތެރިކަން ދިނުން
މި ފިޔަވަޅުތަކަކީ ރާއްޖޭގެ ލޭބަރ މާކެޓްގައި ހަމަހަމަކަމާއި އިންސާފު ޤާއިމުކުރުމަށްޓަކައި މުހިންމު ކަންކަމެވެ.
ޒަމާނީ އަޅުވެތިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގައި ހިނގާ މިފަދަ މައްސަލަތައް ހައްލުކުރުމުގައި އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމެވެ. ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް، ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް މަޖުބޫރުކުރުވުމާއި އަނިޔާވެރިކަމާ ދުރު، މިނިވަން ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބުނެފަ އެވެ.



