ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އިންވެސްޓްމަންޓްގެ ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި، ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.
މި ވަފުދު ރާއްޖެ ވަޑައިގެންފައިވަނީ ދެ ޤައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށެވެ.
ރާއްޖޭގައި ހުންނަ ސަޢުދީ އެންބަސީން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދުއާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުންނެވެ. އެންބަސީން ބުނެފައިވާ ގޮތުގައި، ޑެޕިއުޓީ މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރަން ކުރައްވާ ދަތުރުފުޅެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދަތުރުގައި، ސަޢުދީ ވަފުދުން ދެ ގައުމު ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ މެދު ދިވެހި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކުގައި އިންވެސްޓްކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރާއްޖެއާ ސަޢޫދީޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ. އޭގެ ފަހުން ސަޢުދީ ޢަރަބިއްޔާއިން އަންނަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސަޢުދީއަކީ ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން، ސަޢުދީ ސަރުކާރުން އެކުލަވާލާފައިވާ ސަޢުދީ ފަންޑް ފޮރ ޑިވަލޮޕްމެންޓްއިންވެސް ރާއްޖޭގައި ހިންގާ ބިޔަ އެކި މަޝްރޫޢުތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.



