ސީ ޓު އެއާ ކާގޯ މެދުވެރިކޮށް 20 ގައުމަކަށް 400 ޓަނަށް ވުރެ ގިނަ މުދާ ބޭރުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭން ސީ ޓު އެއާގެ ގޮތުގައި ބޭރުކުރި މުދަލުގެ ޖުމްލަ އަދަދަކީ 433 މެޓްރިކް ޓަނެވެ. މިއީ 20 ފޫޓުގެ 111 ކޮންޓެއިނަރުގެ (ޓީއީޔޫއެސް) މުދާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި މުދާތައް ބޭރުކޮށްފައިވަނީ 9 އެއާލައިނެއް މެދުވެރިކޮށް، 20 ގައުމަކަށެވެ. މީގެ ތެރޭގައި ހިމެނެނީ އިޓަލީ، ޔުނައިޓެޑް ސްޓޭޓްސް، ޖާމަނީ، ފްރާންސް، ކެނެޑާ، ގްރީސް، ޔުނައިޓެޑް ކިންގްޑަމް، ސްޕެއިން، ބެލްޖިއަމް، ޑެންމާކް، ސްވިޑެން، ޕޯޗުގަލް، ސްރީލަންކާ، ތުރުކީ، ފަލަސްތީން، އިންޑިއާ އަދި އަޔަލެންޑެވެ.
ސީ ޓު އެއާ ކާގޯގެ ޚިދުމަތަކީ އެމްޕީއެލްގެ އިސްނެގުމުގެ މަތިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އާ ގުޅިގެން 2024 ވަނަ އަހަރުގެ މާރިޗު މަހު ފަށާފައިވާ ޚިދުމަތެކެވެ.
މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރިއަށް ފަހި ފުރުސަތުތަކެއް ހުޅުވި، ރާއްޖޭގެ އެކްސްޕޯޓަރުންނަށް ފަސޭހަކަމާއެކު ބޭރު ގައުމުތަކަށް މުދާ ފޮނުވުމުގެ މަގު ތަނަވަސްވެގެން ގޮސްފައިވެ އެވެ.