އދ. ހަންޏާމީދޫ ކައިރީގައި އޮންނަ އުތުރުއަތަފަރު އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. ހަންޏާމީދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ހަންޏާމީދޫއަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށެއް ކަމަށާއި، ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ރަށުގެ ގިނަ ރައްޔިތުންނަށް އާމްދަނީ ލިބެމުންދާ ކަމަށެވެ. އަދި މި ވިޔަފާރީގެ ސަބަބުން ދައުލަތަށްވެސް ބޮޑު އާމްދަނީއެއް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް އިއުލާނު ކުރެއްވި ގޮތުގައި އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ޓޫރިޒަމް ދާއިރާއިން ކުރިއަރަމުންދާ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ލިސްޓުގައި ހަންޏާމީދޫވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރަށް ކައިރީގައި މި އޮންނަ އުތުރު އަތަފަރު، މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، އެކަމުގެ ގަރާރު ދާދި އަވަހަށް ނެރޭނެ ކަމުގެ ޔަޤީންކަން އަރުވަން،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އުތުރުއަތަފަރު ތަރައްޤީ ކުރުމަށް ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، މިހާރުވެސް މިކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަށުގެ އެހެނިހެން މަޝްރޫއުތައްވެސް ކުރިއަށް ގެންދާނީ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.