އދ. ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މަޝްރޫގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދަނގެތީ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
1160 މީހުންގެ އާބާދީއެއް އޮންނަ ދަނގެއްޗަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. މި ރަށުގެ ބިން ހިއްކާ ނިމުމުން، ރަށުގެ ޒުވާނުންގެ އާބާދީގެ އުއްމީދުތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ އެވެ. މިގޮތުން، ހިއްކާ ބިމުން ގޯތި ދޫކުރުމާއި ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ބިން ދޫކުރާނެ އެވެ.
މި މަޝްރޫޢުގެ ދަށުން 27.32 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ލޯކްރެސްޓް ބޭރުތޮއްޓެއް ލުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން، 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 385 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެ އެވެ. 279.92 މިލިއަން ރުފިޔާގެ މި މަޝްރޫޢު 570 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
އދ. ދަނގެތި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)
