އދ. ދަނގެތީ ބިންހިއްކުމުގެ މަޝްރޫޢާއި، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ބާރުދުވެލީގައި ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނގެތީ ރައްޔިތުންނާއެކު ދަނގެތީ ސްކޫލު ހޯލުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ މައިގަނޑު މަގުސަދަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި، ރައްޔިތުންގެ އެންމެ މުހިންމު ބޭނުންތައް ގާތުން ދެނެގަތުމެވެ.
ބިންހިއްކުމުގެ މަޝްރޫއަކީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އުމްރާނީ، އިގްތިސޯދީ ކުރިއެރުމާ ގުޅިފައިވާ މަޝްރޫއެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާގޮތަށް ޑިޒައިންކޮށް ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ.
ދަނގެތީގެ ތަރައްގީއަށް އިތުރު ގިނަ މަޝްރޫތަކެއް ރާވާފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމާއި، ސްކޫލުގެ ކްލާސްރޫމުތަކާއި ހޯލު އޭސީކުރުން ހިމެނެ އެވެ.
”ސްކޫލުގެ އާ އިމާރާތާއެކު ދަރިވަރުންނަށާއި، މުދައްރިސުން އަދި ބެލެނިވެރިންނަށްވެސް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ“ ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ދަނގެތީގައި ޒަމާނީ ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުމާއި، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މިއަހަރު ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށް އެހީތެރިވުމުގެ ގޮތުން މާޗު މަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ގާއިމުކުރުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ކަލްޗަރަލް ސެންޓަރެއް އިމާރާތްކުރުމުގެ މަސައްކަތްވެސް އަވަސްކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.



